ރައްޔިތުންގެ މަޖިލިސް

މާދަމާގެ ޖަލްސާގައި ވަކި ގޮތަކަށް އަމަލުކުރަން ޕީޕީއެމް މެންބަރުންނަށް ވިޕެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ބޮޑެތި މައްސަލަ ތަކެއް އެޖެންޑާ ކޮށްފައި އޮތް ނަމަވެސް، މެންބަރުން ވަކި ގޮތަކަށް އަމަލުކުރަން ވިޕެއް ނުނެރި މިއަދު އޮތް ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުން ނިންމައިލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސް ތަކަކަށް ފަހު މާދަން ފަށަން ތައްޔާރުވެފައި ވާތީ، އެޖެންޑާ ކޮށްފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަޖިލިސް ގެ އިދާރާގައި ބޭއްވި ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ އެޖެންޑާ ކުރެވިފައިވާ އެއްވެސް މައްސަލައަކާ މެދު ވަކި ގޮތަކަށް އަމަލު ކުރުމަށް ވިޕެއް ނުނެރުއްވާ ކަމަށެވެ.

"އެހެންޏާ އަޅުގަނޑުމެން މި ނެރެނީ ތިން ލެވެލެެއްގެ ވިޕު. އެކަމަކު މާދަމާގެ އެޖެންޑާގައި މި ހުރި މައްސަލަ ތަކަށް ވަކި ގޮތަކަށް ވޯޓު ދޭން ނުވަތަ ނުދޭން ވިޕެއް ނެތް." ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޖެންޑާ ކޮށްފައި ހުރި ނުކުތާ ތަކަށް ބެއްޔަސް ބައެއް ކަންކަން އެހާބޮޑަށް ސާފުވެވަޑައި ނުގަންނަވާ ކަމަށާއި އެހެން ކަމުން އެކަންކަން މުޅީން ސާފު ނުވަނީސް ވަކި ގޮތަކަށް އަމަލުކުރާން ނިންމައި ވިޕު ނެރެން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަށް ފެނިވަޑައިނުގަތީ ކަމަށެވެ.

ނިހާން ވިދާޅުވީ އެހެން ކަމުން މި މައްސަލަ ތަކަށް ގޮތެއް ނިންމާނީ މާދަމާގެ ޖަލްސާ ފެށިގެން މައްސަލަތައް ހުށަހެޅި ތަފްސީލުތައް ލިބިގެން ދިއުމުން މަޖިލީހުގެ ތަޅުމުގައި ކަމަށެވެ.

ނިހާން މިހެން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ބޮޑެތި މައްސަލަތަކެއް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކި ކުރުމާއި ރައީސް ނަޝީދު މިނިވަން ކުރުމާއި އިންތިޚާބީ ރައީސް ހުވާކުރައްވާނެ ދުވަހެއް ކަނޑައެޅުމާއި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމާއި އަބުރުގެ ގާނޫނު ބާތިލުކުރުން ވެސް މާދަމާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ފެށޭނީ ހެނދުނު 09:00 ގަ އެވެ.