ރައްޔިތުންގެ މަޖިލިސް

ކޮންމެ މުގައްރިރަކަށް މަސައްކަތް ކުރާނެ ކޮމެޓީ ރޫމެއް ހަދަނީ

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ސަތާރަ ކޮމެޓީއެއްގެ މުގައްރިރުންނަށް މަސައްކަތްތައް ކުރައްވާނެ ކޮމެޓީ ރޫމުތަކެއް ގާއިމް ކުރުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ 17 ދާއިމީ ކޮމިޓީގެ މުގައްރިރުން ރައްޔިތުންގެ މަޖިލީހުގައި ދާއިމީ ގޮތެއްގައި ތިއްބަވައިގެން މަސައްކަތް ކުރައްވާނެ އޮފީސްތަކެއް ގާއިމް ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާ ކަމަށެވެ.

އެހެންކަމުން ކޮމިޓީތަކުގެ މުގައްރިރުންނަށް މަސައްކަތް ކުރެވޭ ގޮތަށް، އަންނަ ހަފުތާގައި އޮފީސް ހެދުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް ނިއުޝާ ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާގައި މިހާރު ހުންނަނީ ތިން ކޮމިޓީ ރޫމެވެ. ހުރިހާ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ އެ ތިން ރޫމްގައެވެ.