ބ. ކަމަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ބ. ކަމަދޫއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ކަމަދުއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 01:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.
މިމީހުން ހައްޔަރުކޮށް، މިމީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 230 ކަރުދާސްކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.