ޝަހީދާ އަބްދުﷲ ސައީދު
ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގާއިމުކުރި އޮންލައިން ޕޯޓަލްއަށް މިހާތަނަށް 400 އަށްވުރެ ގިނަ މައްސަލަހުށަހަޅައިފައިވާ ކަމަށާއި އޭގެ ތެރެއިން 18 މައްސަލައެއް ތަހުގީގު ކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުގައި ކޮރަޕްޝަންގެ މައްސަަތައް ހުށަހަޅަން އުފައްދާފައިވާ ވެބްސައިޓް ލޯންޗު ކުރި ފަހުން މިއަދާ ހަމަޔަށް 400 އަށްވުރެ ގިނަަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އަދި އޭގެ ތެރޭގައި ސުވާލު އުފެދޭ 18 މައްސަލައެއް ތަހުގީގު ކުރުމަށް އޭސީސީއަށް ފޮނުވާފައިވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާނެ ވެބްސައިޓެއް ރައީސް އޮފީހުން ލޯންޗުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ހޫދު ވިދާޅުވީ އެމައްސަލަތައް ބަލައި ތަހުގީގު ކުރުން ލަސްތޯ ނުވަތަ އަވަސްތޯ ނިންމާނީ ސަރުކާރުން ނޫން ކަމަށާއި ރައްޔިތުން ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދެވި ކޮމިޝަނުން މިހާތަނަށް އެއްވެސް މައްސަލައެއް ނިންމިކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް ހޫދު ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިހާރު އޮތް ރިޔާސީ ކޮމިޝަންތަކުގެ ބިލު ގާނޫނަކަށް ވެގެން އައުމުން ކޮމިޝަންގެ މަސައްކަތް ބާރަށް ކުރިޔަށް ދާނެ ކަމަށެވެ.