ކުށްކުރާ މީހާގެ އިންސާނީ ހައްގާއި ކަރާމާތް ގެއްލޭނެހެން އަބަދު ދިނުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އިމްރާން ވިދާޅުވީ ކުށްކުރާމީހާއަށް ކުރާ ކުށުގެ ހައްގު ޖަޒާ އަދުލު އިންސާފާއެކު ގާއިމްވުމަކީ އެކަން ބަލައިގަނެވޭ، ގަބޫލުކުރާ ފަލްސަފާއެއް ކަމަށެވެ. އަދި ކުށްކުރާ މީހާގެ އިންސާނީ ހައްގާއި ކަރާމާތް ގެއްލޭނެހެން ކަން ކުރުމަކީ ގަބޫލުކުރެވޭ ފަލްސަފާއެއް ނޫންކެމެވެ.
އިމްރާން މި މޭރުމުން ޓުވީޓެއް ކުރެއްވި އިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމަށް ކަރެކްޝަންގެ މެޑިކަލް ބޯޑުން ހުއްދަ ދިން މައްސަލައިގައި ބައެއް ފަރާތްތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އެ މައްސަލައިގައި، ކަމާ ގުޅުން ހުރި ބައެއް މުއައްސަސާތަކުގެ ވެރީން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީއަށް އިއްޔެ ހާޒިރުކޮށް ސުވާލުވެސް ވަނީ ކޮށްފަ އެވެ. އަދީބު ބޭސް ފަރުވާއަށް ފޮނުވާ އިރު، ސެކިޔުރިޓީގެ ގޮތުގައި ދިވެހި ފުލުހުން އަދި ކަރެކްޝަންސްގެ އޮފިސަރުން ދާނެ ކަމަށް ހޯމް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަދީބު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން ހުއްދަ ދިނީ އެ ނޫން އެއްވެސް ގޮތެއް ނެތުމުން، އަސާސީ އިންސާނީ ހައްގާއި ކަރާމާތަށް އިހުތިރާމުކުރުމުގެ ގޮތުން ކަމަށެވެ. އަދީބު ބެއްލެވި ރާއްޖޭގެ ޑޮކްޓަރުން، އޭނާ އިތުރު ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން ތަކުރާރުކޮށް ލަފާ ދިނުމުން ވެސް ކުރީގެ ސަރުކާރުން އެކަން ކޮށްފައެއް ނުވެ އެވެ.
މި ސަރުކާރުން ވަނީ، އަދީބުގެ ލޮލުގެ ހާލަތު ދެނެގަތުމަށް ކަމާ ގުޅޭ ސިއްހީ މާހިރުން ރާއްޖޭން ބޭރުން ގެނެސް އިތުރު ތަހުލީލުތައް ކޮށްފަ އެވެ. ބޭރުން ގެނައި މާހިރުން ވެސް ލަފާ ދީފައި ވަނީ އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާ ދިނުމަށް ކަމަށް ހޯމް މިނިސްޓްރީން އިއްޔެ ބުނެފައިވެ އެވެ.