ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

ފަނޑިޔާރުންގެ ޖަމިއްޔާގެ މައްސަލައިގައި ގޮތެއް ނިންމާނީ އޭޖީގެ ލަފާ ހޯދުމަށް ފަހު: މަހުލޫފް

ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެ މައްސަލައިގައި ގޮތެއް ނިންމާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތީން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

''ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމިއްޔާ''ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމަށް ނިންމައިފައިވާކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، (ޑީޖޭއޭ) އިން އިއުލާނު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. ޑީޖޭއޭ އިން ބުނި ގޮތުގައި މި ޖަމިއްޔާ އުފެއްދުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފާއިތުވި މެއި މަހު 29 ވަނަ ދުވަހު ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ހުށަހަޅައިފައެވެ.

ޖުޑީޝަލް ކައުންސިލުން މި ފަދަ ޖަމިއްޔާއެއް އުފެއްދުމަށް ހުށަހަޅާފައިފާ އިރު، މި ކަމުގައި ގާނޫނީ މައްސަލަތަކެއް ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މި ކަމަކީ ގާނޫނާ ޚިލާފު ކަމެކެވެ. މިހާރު އަމަލު ކުރަމުން އަންނަ ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ފަނޑިޔާރުންގެ ޖަމިއްޔާގެ ގޮތުގައި އެއް ވަގުތެއްގައި ރަޖިސްޓްރީކޮށް ހިންގާން ވާނީ އެއް ޖަމިއްޔާ އެވެ. "ފަނޑިޔާރުންގެ ޖަމިއްޔާއެއް 2008 ވަނަ އަހަރު ހޯމް މިނިސްޓްރީގައި ވަނީ ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފަ އެވެ.

ޑީޖޭއޭ އިން ބުނެފައިވާ ގޮތުގައި، ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ގެ 10ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމްއިއްޔާ ހެދުމުގެ ހައްގުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމްއިއްޔާގެ މައިގަނޑު މަގުސަދަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމެވެ.