ވިޔަފާރިވެރިންނާއި ރައްޔިތުންގެ އަތުން ފޭރޭ ގޮތަށް ބައްޓަންކޮށްފައިވާ ދިވެހި ރާއްޖޭގެ ޓެކްސްގެ ނިޒާމަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ހުސައިން ވިދާޅުވީ ރާއްޖޭގެ ޓެކްސް ނެގުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތައް ގެންނަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ ގާނޫނުތައް އަބަދުވެސް މާނަ ކުރަން ޖެހޭނީ ޓެކްސް ދައްކާ މީހާއަށް ފަހިވާ ގޮތަށް ކަމަށެވެ.
ޓެކްސްގެ ގާނޫނަށް ފާޑުވިދާޅުވަމުން އަލީ ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އަށް ވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ މިނިވަން ތަނެއް ނޫން ކަމަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާ ގުޅޭ އެޑްމިނިސްޓްރޭޝަން މައްސަލައެއް ނުވަތަ އެނޫން ވެސް މައްސަލައެއް ވާނަމަ ހުށަހަޅާ ތަނެވެ. ޓެކްސް އާ ގުޅޭ މައްސަލަތައް ބެލުމުގައި ހެއްކާއި ގަރީނާ އެއްކުރުމުގެ ބާރު އެ ޓްރައިބިއުނަލް އަށް ލިބިގެންވެއެވެ.
ރާއްޖޭގައި ގިނަ ބާވަތްތަކެއްގެ ޓެކްސް ނަގާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ގުޑްސް އެންޑް ސާވިސެސް ޓެކްސް (ޖީއެސްޓީ) އިންނާއި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ގޮތުގައި ނަގާ ޓެކުހުންނެވެ.