ދުއިސައްތައަށްވުރެ ގިނަ ޓުއާ އޮޕަރޭޓަރުންނާއެކު މިއަދު ރާއްޖޭގައި ފެށި ޓީޓީއެމް ޓުރެވަލް ސަމިޓް ނިންމާލައިފިއެވެ.
މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފެށި މި ފެއާއަކީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުންނާއި އަދި އެޖެންޓުންނާއެކު މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއާއެވެ.
ޓީޓީއެމް ޓްރެވަލް ސަމިޓް ފައްޓަވައިދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.
"ޓްރެވެލް ޓެކްނޮލޮޖީ އެންޑް އެނަލިޓިކްސް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މިސަމިޓް ނިންމާލި އިރު، ރިސޯޓުތަކުގެ އިސް ފަރާތްތަކާއި ގެސްޓް ހައުސްތަކުގެ އިސްވެރިންނާއެކު ކުރިއަށްގެންދާ ބައްދަލުވުންތަކެއް މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާނެ އެވެ.
200 އަށް ވުރެ ގިނަަ ޓްރެވަލް އެޖެންޓުނާއި ޓުއާ އޮޕަރޭޓަރުންނާއި 140 އަށް ވުރެ ގިނަ ރިސޯޓްތަކުގެ އޮފިޝަލުންވެސް މި ސަމިޓުގައި ބައިވެރިވެފައިވެއެވެ. މީގެއިތުރުން ޓްރެވަލް ދާއިރާގައި މަސައްކަތްކުރާ ބޭރުގެ ގިނަ ތަޖުރިބާކާރުންވެސް މިސަމިޓުގައި ބައިވެރިވިއެވެ.
އަދި މި ސަމިޓުގެ ދަށުން ބާއްވާ ގާލާ ނައިޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާރެއެވެ.
މިއަހަރުގެ ޓީޓީއެމް ޓްރެވަލް ސަމިޓް ހާއްސަކޮށްފައިވަނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށެވެ.
އެގޮތުން އެ ދާއިރާގެ ތަޖުރިބާކާރުން މިއަހަރުގެ ސަމިޓުގައި މައުލޫމާތު ދެއްވާނެ އެވެ. އެގޮތުން އާޓިފިޝަލް އިންޓޭލިޖެންސް ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ހާއްސަ ޕްރެސެންޓޭޝަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.