ޝަހީދާ އަބްދުﷲ ސައީދު
އިންސާފު ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، އިންތިގާލީ އިންސާފަކީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކުރެވޭ ބޮޑުންގެ އެއްޗެއްތޯ ސުވާލު އުފައްދަވައިފައެވެ. އަދި ހޯމް މިނިސްޓަރާއި ފުލުހުން ރައީސަށް ޖަވާބުދާރީވާން ޖެހޭއިރު ހުރި ބާރުތަކުގެ ބޭނުން ނުކޮށް ރައްޔިތުންގެ ފައިސާ އިސްރާފުކުރަން ޖެހޭތޯވެސް ސުވާލު އުފެއްދެވިއެވެ.
ޖަމީލު ވަނީ ރައްޔިތުންނާ ގުޅޭ ތަރައްގީއަށް ހަރަދު ނުކޮށް، ދައުލަތް ހިންގުމުގެ ހަރަދު ބޮޑުވުމުން، ވައުދުތަކުގެ ބޭނުމަކީ ކޮބާތޯވެސް ސުވާލު އުފައްދަވައިފައެވެ.
އަދި ސަރުކާރުގެ ދުވެލި މަޑުވެ، ރައްޔިތުންގެ އިންތިޒާރުތައް ދިގުވާއިރު، ވަކި ބަޔަކަށް އިންސާފު ލިބުމަކީ އިންތިގާލީ އިންސާފު ގާއިމްކުރަންވީ ވައުދުތޯ ވެސް ޖަމީލު ސުވާލު އުފެއްދެވިއެވެ.
މީގެއިތުރުން ޑރ. ޖަމީލު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ ސަރުކާރަށް ހަ މަސް ވީ އިރު މަސައްކަތަށް ސާބަސް ދެއްވާފައެވެ.
އިންތިގާލީ އިންސާފަކީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޮޑުންގެ އެއްޗެއްތޯ، ޖަމީލު ސުވާލު އުފެއްދެވި ނަމަވެސް އެއީ ކޮން ބޭފުޅެއްކަން ހާމައެއް ނުކުރައްވައެވެ.
ނަމަވެސް ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމްތައް ބާތިލުކޮށް، އެމައްސަލަތައް އަލުން ބަލަން އަމުރުކޮށްފައިވަނިކޮށް މިއަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ނިންމި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.