ރައްޔިތުންގެ މަޖިލިސް

އާ ރައީސް ހުވާކުރައްވާނެ ތާރީޚުގެ މައްސަލަ އާއި ރައީސް ނަޝީދުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އަހުމަދު ޖައިޝަން

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރެއްވުން ބާއްވަންޖެހޭ ދުވަހެއް ކަނޑައެޅުމުގެ އިތުރުން ބޮޑެތި ގިނަ ކަންތައްތަކެއް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާނެ ކަމަށް ވިދާޅުވެފައެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު އެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 0900ގަ އެވެ. މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އަނެއް މައްސަލައަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމާ ގުޅޭ މައްސަލައެވެ.

އޭގެ އިތުރުންވެސް ގިިނަ ކަންތައްތަކެއް ވަނީ މާދަމާއަށް އެޖެންޑާ ކޮށްފައެވެ. އެގޮތުން އދ. ގެ ނިންމުންތައް ތަންފީޒު ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ގަރާރު އިއްވުމާއި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހެޅި ބިލުގެ މައްސަލައާއި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ހުށަހަޅައިފައިވާ މައްސަލަ ވެސް މާދަމާއަށް ވަނީ އެޖެންޑާކޮށްފައެވެ.