އައިޝަތު ރަފިއްޔާ

ވައިމާސް ސީރީސްގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިންގ ޔޫތު، ރަފީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ޒުވާނުންގެ މެދުގައި މަގުބޫލު، ވައިމާސް ސީރީސްގެ ފުރަތަމަ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

" ޔޫތު އޭޒް މިލީނިއަމް އެސެޓްސް" ނުވަތަ ވައިމާސް ޕްރޮގްރާމަކީ ސިންގަޕޫރުގެ އެޑްސްޓަރ ގްލޯބަލް އާއި ގުޅިގެން ދިވެހި ޒުވާނުން ބާރުވެރި ކުރުވައި، މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ހެދުމަަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގ ޔޫތުއިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މިއީ ރަފީއިން މި ޕްރޮގްރާމް ހިންގާ 4 ވަނަ އަހަރެވެ.

ރަފީ ޖަމްއިއްޔާއިން ބުނީ ޖުމްލަ 4 ޕްރޮގްރާމަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސީރީޒް ފުރިހަމަ ކުރާ ބައިވެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބައިވެރިންނަށް، "މިލީނިއަމް ޔޫތު ލީޑަރޒް ކޭމްޕް"ގައި ތަމްރީން ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގިނަ ގޮތްގޮތުން އެސެސް ކުރެވޭ މިކޭމްޕް ކާމިޔާބު ކަމާއެކު ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ބައިވެރިންނަށް މިލީނިއަމް ޔޫތު އެމްބެސަޑަރަކަށް ވުމުގެ ޝަރަފު ލިބިގެން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި އޭގެ ސަބަބުން، ގައުމީ ފެންވަރުގަ އާއި ދުނިޔޭގެ ފެންވަރުގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ ތަމްސީލް ކުރުމުގެ އިތުރުން، ބިނާކުރުވަނިވި ގިނަ ފުރުސަތުތަކެއް ރަފީ ޖަމިއްޔާ މެދުވެރިކޮށް މިލީނިއަމް ޔޫތް އެމެބެސެޑަރުންނަށް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.

މިއަހަރުގެ ވައިމާސްގެ އެންމެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 22 ޖޫން، ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 12:00 އިން އިރުއޮއްސި 6:00 އަށެވެ. އެގޮތުން މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ރަފީއިން ވަނީ ޖަމިއްޔާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އޮންލައިންކޮށް ހުޅުވާލާފައެވެ.

ޕްރޮގްރާމާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ރަފީއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ ވައިމަސް ސެޝަން ތަކުގައިވެސް ސްޕީކަރުންގެ ގޮތުގައި ފާހަގަ ކޮށްލެވޭ، ތަޖުރިބާކާއު އިލްމުވެރިން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދަމާސް ކުންފުނީގެ ސީއޯއޯ އަދި ވައިމަސް ޕްރޮގްރާމްގެ ސިގްނޭޗަރ ސްޕީކާ މުހައްމަދު ޝިހާބް، މަޝްހޫރު ޓްރެއިނާ ސްޕީކާ އަދި ވައިމަސް ޕްރޮގްރާމްގެ ސިގްނޭޗަރ ސްޕީކާ ކަމަށްވާ މަސްއޫދު އަލީ، އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަޝްވާ، ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން އަދި އިންސްޕެކްޓާ އޮފް ޕޮލިސް އަބްދު ﷲ ރަޝީދުވެސް ބައިވެރިން ތަމްރީން ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރަފީއިން ބުނެއެވެ.

އެއް ދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ، މިޕްރޮގްރަމްގެ ސެޝަންތައް އަލިއަޅުވާލާނެ ސުރުހީތަކުގެ ތެރޭގައި، "ހޯޕް ފޯރ އަ ބެޓަރ ލައިފް"، "އެޓިޓިއުޑް ފޯރ ޗޭންޖް"، "ރެސްޕެކްޓް ފޯރ ހިއުމޭނިޓީ" އަދި ސްޓްރައިވް ފޯރ އެކްސެލެންސް" ހިމެނެއެވެ.

ރަފީން މައުލޫމާތު ދިން ގޮތުގައި މި ހަތަރު ސެޝަނުން ބައިވެރިންނަށް އަމިއްލަ ނަފްސު ކުރިއަރުވާ ތަރައްގީ ކުރުމަށް ބޭނުންވާ މުހިއްމު ފިލާވަޅުތަކެއް ދަސްވެގެންދާނެވެ. އަދި ލީޑަރުންގެ ކިބައިގައި އަށަގަންނުވަން ޖެހޭ މުހިއްމު ހުނަރުތައް ކަމުގައިވާ އަމިއްލައަށް އިސްނެގުމާއި ގުޅިގެން މަސައްކަތް ކުރުން ފަދަ ކަންކަން ދަސްވެގެންދާނެއެވެ.