ޕީޕީއެމް

ރައީސް މައުމޫނުގެ ހިސާބުން ޕީޕީއެމް އަށް 7 އަހަރު އަދުރޭ އަށް 8 އަހަރު!

1

މިއަދަކީ ޕީޕީއެމްގެ އަހަރީ ދުވަސް ކަމަށްވާ އިރު، ޕާޓީގެ އުމުރާ ގޮޅުން އެ ޕާޓީގެ އިންތިޚާބީ ރައީސް، ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ފަހުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އައްޔަނު ކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ ޕާޓީގެ އުމުރު ވިދާޅުވެފައިވާ ގޮތް ތަފާތުވެއްޖެ އެވެ.

އެ ގޮތުން ޕާޓީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫނު އެ ޕާޓީގެ މެންބަރުންނަށް މިއަދު ފޮނުއްވާފައި ވަނީ ޕާޓީ އަށް ހަތް އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އެވެ.

އެހެން ނަމަވެސް އަދުރޭ މިއަދު ކުރެއްވި ޓުވީޓުގައި ވަނީ "ޕީޕީއެމްގެ އަށް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ ރައީސް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕާޓީގެ ލޮބުވެތި އެންމެހައި މެންބަރުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން" ކަމަށެވެ.

އަދުރޭގެ މި ޓުވީޓާ ގުޅިގެން ބައެއް މީހުން ފާޑުކިޔަން ފެށުމުން އޭނާ ވަނީ ޕާޓީގެ އުމުރު އޭނާ ގުނުއްވި ގޮތުގެ ތާވަލެއް ވެސް ފަހުން ޓުވީޓް ކުރައްވައިފަ އެވެ.

ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން ޕީޕީއެމް ރަޖިސްޓްރީ ކުރީ 11 އޮކްޓޯބަރު 2011 އެވެ. އެހެން ކަމުން މިއަދު ޕީޕީއެމް އަށް ފުރޭނީ ހަތް އަހަރެވެ.

އަދުރޭ މި ގޮތަށް ޓުވީޓު ކުރެއްވި އިރު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާނު ވަނީ ވެސް ވަނީ ޕާޓީގެ ހަތް ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟