އިބްރާހިމް ޒަކީ
މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީއާއެކު މަގާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް، ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭ ގޮތަށް ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސުލް ޖުމްހުރިއްޔާ ތަސްދީގު ނުކުރައްވައި އަލުން ވިސްނާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލުމުން މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހސުް ކުރުމަށްފަހު، މި ބިލާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވުމަށް ބިލް ބޭރުކޮށްލާފައިވަނީ، ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 77 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު އަލުން ވިސްނާ ވަޑައިގެންނެވުމަށް އެދިވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިލެއްވީ، ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ތައާރަޒުވާތީ ކަމަށް ވިދާޅުވެއެވެ.
ގާނޫނުއަސާސީގެ 75 މާއްދާގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލު ކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ، ނުވަތަ އެމީހަކަށް ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިހާބުވި ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާއި ހުރިހައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ރިއާޔަތް ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ފެހި ގާނޫނު އަސާސީއަށް އަމަލު ކުރުމުުގެ ކުރިން ދިގު މުއްދަތެއްގައި އުއްތަމަ ފަނޑީޔާރުކަން ކުރައްވާފައި ހުންނެވި ބޭފުޅަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އުސްތާޒު މުހައްމަދު ރަޝީދު އިބްރާހިމެވެ.
އޭރު ހުންނެވި އުއްތަމަ ފަޑިޔާރަށް އިނާޔަތް ލިބޭގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ، ހުސްވި އޭޕްރީލް މަހުގެ 29 ގައި ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. އެއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާއެވެ.
އޭރުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި، މި އިސްލާހުގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 285 ވަނަ މާއްދާގެ (ހ) ގެ ދަށުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ނިމުމަކަށް ގެނެވުނުއިރު ހުންނެވި އުއްތަމަ ފަނޑިޔާރަކީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރު ކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން އެ ބޭފުޅާއަށް ދޭންޖެހޭނެ ކަމަށް އިސްލާހުގައި ވެއެވެ.