އިބްރާހިމް ޒަކީ
ނައިބު ރައީސުންނަށް އިނާޔަތް ދޭގޮތަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ގާނޫނުއަސާސީއާ ތައާރަޒުވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމުން އެ ބިލް މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ބިލަށް ބަހުސް ކުރެއްވުމަށްފަހު ބިލާމެދު ގޮތެއްނިންމުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެ ބިލް ބޭރުކޮށްލާފައިވަނީ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 74 މެންބަރުން ވޯޓު ދެއްވައިގެންނެެވެ. އެ ބިލް ބޭރުކޮށްލަން ނުފެންނަކަމަށް 2 މެންބަރަކު ވޯޓު ދެއްވިއެވެ.
ރައީސް ސޯލިހު އެ ބިލު އަލުން ވިސްނުމަށްޓަކައި ބަޖިލީހަށް ފޮނުއްވެވީ ގާނޫނުއަސާސީއާ ތައާރަޒް ވުމުގެ އިތުރުން، ނައިބު ރައީސުން މަގާމުގައި ތިއްބަވަން ޖެހޭ މުއްދަތާ ބެހޭގޮތުންވެސް، އެއްވެސް އެއްޗެއް ބިލުގައި ހިމަނާފައި ނުވާތީ ކަމަށް ވިދާޅުވެއެވެ.
ރައީސުލް ޖުމްހުރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރައީސް މިބިލް ފޮނުއްވައިލެއްވުމާބެހޭގޮތުން ވިދާޅުވެފައިވަނީ، ނައިބު ރައީސުންނަށް އިނާޔަތްދޭން ޖެހޭނެ ކަމަށް ބުނާ ބާބެއް ގާނޫނު އަސާސީގައި ނެތްކަމަށެވެ. އައި ދެ މަހަށް ނައިބު ރައީސްކަން ކުރެއްވިޔަސް އިނާޔަތް ދޭންޖެހޭ ގޮތަށް ބިލުގައި އޮތުމަކީވެސް ސަބަބެއް ކަމަށް ހޫދު ވިދާޅުވިއެވެ.
ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، މާލީ އިނާޔަތުގެ ގޮތުގައި ދައުލަތުން 35،000 ރުފިޔާގެ އިނާޔަތެއް ދޭން ބިލުގައި ވަނީ ފާސްކޮށްފައެވެ.
ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް 18ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.