އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު

ކުއްލި ބައްދަލުވުމެއް ބާއްވައި ގައުމީ ސަލާމަތު ކޮމިޓީއަށް އަދީބުގެ މައްސަލައިގެ އެންމެން މިއަދު ހާޒިރު ކުރާނަން

ސިނާން އަލީ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައި، ހާޒިރުކުރަންޖެހޭ އެންމެން ހާޒިރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ މިނިވަން ވުމަށް އެއްދުވަހަށް ވެފައި ވަނިކޮށް، ކަރެކްޝަނަލް ސާވިސްއިން އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފުރުމަށް ހުއްދަދިން މައްސަލައިގައި، އަދީބު ފިލިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާބެހޭ މައުލޫމާތު އޮޅުުން ފިލުވުމަށް ކޮމިޝަނަރު އޮފް ޕްރިސަންސް އަބްދުﷲ މުނާޒް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައި އެކަމާބެހޭގޮތުން ހާޒިރުކުރަންޖެހޭ އެންމެން ކޮމިޓީއަށް ހާޒިރު ކުރުމުގެ ޔަގީންކަން މަޖިލީހަށް ދެއްވާ ކަމަށެވެ.

ނަމަވެސް ޝަރީފު ވިދާޅުވީ، ކިތަންމެ ބޮޑު ކުށެއް ކޮށްފައި އޮތް މީހެއް ނަމަވެސް، އަދި ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތުގައި ހުރި މީހެއް ކަމަށްވިޔަސް އެމީހެއްގެ އިންސާނީ ހައްގެއް ނިގުޅައި ނުގަނެވޭނެކަމަށެވެ. ރާއްޖެއިން ސޮއި ކޮށްފައިވާ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުންވެސް ސަރުކާރަށް އެކަން ލާޒިމު ކުރާކަމަށް ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުން ކަށަވަރު ކޮށްދޭންޖެހޭ ކަމަކީ، އަދި މަޖިލީހުން ޔަގީންކުރަންޖެހޭ ކަމަކީ، އެމީހަކު ރާއްޖޭން ނުފިލޭނެ ގޮތަކަށް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި އެފަދަ މީހަކު ރާއްޖެ ގެނެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ފަދަ، ރާއްޖެއާ ގުޅުންހުރި ގައުމަކަށް ދިއުމުގެ ހުއްދަ ދިނުން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެމީހަކަށް ބޭސްފަރުވާކުރަންޖެހޭ ކަމަށް މެޑިކަލް ބޯޑުން ނިންމައިފިނަމަ އެމީހެއްގެ އިންސާނި ހައްގުތައް ނިގުޅައިގަތުމުގެ ބާރެއް ނޯންނާނެ ކަމަށާއި ސަރުކާރުން ޖެހޭނީ އެމީހަކު ފިލިޔަނުދޭން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމަށެވެ.