މުހައްމަދު އައުޒަމް
ހުއާވޭއިން އާ އޯއެސް "ހޮންގް މެންގް" އާއިއެކު އެއް މިލިޔަން ޑިވައިސް އުފައްދައިފިއެވެ.
ހުއާވޭއިން އާ އޯއެސް "ހޮންގް މެންގް" ހިމެނޭ ޑިވައިސްތައް އުފައްދައި ޝިޕް ކޮށްފައިވާއިރު މިޑިވައިސްތަކަކީ ޓެސްޓު ކުރުމަށް ބޭނުންކުރާނެ ޑިވައިސްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. ޓެކްނޮލޮޖީގެ ހަބަރުތައް ބުނާގޮތުން ހުއާވޭ އިން މި ތައާރަފް ކުރި ޑިވައިސްތަކަކީ އެކުންފުނިން ބާޒާރުގައި ވިއްކުމަށް ތައާރަފް ކުރި ޑިވައިސްތަކެއް ނޫނެވެ. މި ޑިވައިސްތަކަކީ ހުއާވޭގެ ޑިވެލޮޕްމެންޓް ޕްރޮސެސްތަކުގައި ބޭނުންކުރާނެ ޑިވައިސްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.
ހުއާވޭއިން އަންނަނީ އާ އޯއެސްގެ ޑިވައިސްތައް ބޭނުންކޮށްގެން ސެކިއުރިޓީގެ ގޮތުންނާއި ޑޭޓާ ރައްކާތެރި ކުރުން ހަރުދަނާކުރުމުގެ ގޮތުން ޓެސްޓުތައް ކުރަމުންނެވެ.
ހުއާވޭގެ ޑިވައިސްތައް އާ އޯއެސްއާ އެކު އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުތަކުން ލިބިގެން ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
ދާދިފަހުން އެމެރިކާގެ ރައީސް ޓްރަމްޕްގެ އެންގެވުމުގެ ދަށުން ގޫގުލްއިން ވަނީ ހުއާވޭ ސަސްޕެންޑުކޮށްފައެވެ. މިކަމުގެސަބަބުން ހުއާވޭގެ ފޯނުތަކަށް ގޫގުލްގެ އޯއެސް ގެ ހިދުމަތް ވަނީ ހުއްޓުވައިފައެވެ. އެއާ ގުޅިގެން ހުއާވޭއިން ވަނީ އަމިއްލަ އޯއެސްއެއް އުފެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފަ އެވެ.