އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު ރާއްޖެއިން ބޭރަށް ދާއިރު އެކުގައި ދިވެހި ފުލުހުންނާއި ކަރެކްޝަނުގެ ސެކިއުރިޓީން ވެސް ދާނެ

ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ އިރު، އެ ދަތުރުގައި ދިވެހި ފުލުހުންނާއި ކަރެކްޝަންސްގެ ސެއުރިޓީން ވެސް ދާނެ ކަމަށް އަންގާފައިވާ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

ނަޝްވާ މިހެން ވިދާޅުވީ އޭނާ ރޭ ދަންވަރުގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގަ އެވެ.

ބޭސްފަރުވާ ކުރެއްވުމަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް ގެ މެޑިކަލް ބޯޑުން ދިނީ އިއްޔެ ވަގުތެއްގަ އެވެ. އެ ބޯޑުން މި ހުއްދަ ދިނުމާ ގުޅިގެން، ނަޝްވާ ކުރެއްވި ޓުވީޓުތަކެއްގައި ވަނީ މި ކަމާ ގުޅޭ ގޮތުން އިތުރު ބައެއް ވާހަކަތައް ވެސް ދައްކަވައިފަ އެވެ.

ނަޝްވާ ވިދާޅުވީ 2016 ވަނަ އަހަރު އަދީބު ޑޮކްޓަރުން ދެއްކުމުން، ލޮލުގެ ސީރިއަސް ބައްޔެއް ކަމަށްވާ "ގްލޫކޯމާ" ހުރިކަން އެނގިފައިވާ ކަމަށާއި އަދި އޭރުވެސް އަދީބަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާދިން ކަމަށެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުން އެފުރުސަތު ނުދިން އިރު، ޑޮކްޓަރުންގެ ލަފާ މެޑިކަލް ބޯޑަށް ވެސް ހުށަހަޅާފައި ނުވާ ކަމަށް ނަޝްވާ ވިދާޅުވި އެވެ.

"މީގެ ދެމަސް ކުރީން އަދީބު ގެ ލޯ، ތަފާތު ތިން ޑޮކްޓަރަކަށް ދައްކައި އަލުން ޓެސްޓުތައް ހަދައި، އެ ޑޮކްޓަރުންގެ ލަފާ ވަނީ ހޯދާފައި. އެ ހުރިހާ ޑޮކްޓަރުން ވެސް ލަފާ ދީފައި ވަނީ އަދީބު ރާއްޖެއިން ބޭރަށް ގެންގޮސް ލޮލުގެ އޮޕަރޭޝަންތަކެއް ކުރުމަށް. ފާއިތުވި ދެ އަހަރު ތެރޭގައި އަދީބުގެ ލޮލުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ." ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާ ވިދާޅުވީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި، ގްލޫކޯމާ އަށް ޚާއްސަ ޑޮކްޓަރަކު މި ސަރުކާރުން މިދިޔަ މަހު އައިޖީއެމްއެޗަށް ގެނައި ކަމަށެވެ. ޓެސްޓުތައް ހެދުމަށް ފަހު އެ ޑޮކްޓަރު ވެސް ލަފާ ދިނީ އަދީބު ރާއްޖެއިން ބޭރަށް ގެންގޮސްގެން ފަރުވާ ދިނުމަށް ކަމަށް ނަޝްވާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

"އެހާ ހިސާބުން މި މައްސަލަ ފުރަތަމަ ފަހަރަށް މެޑިކަލް ބޯޑަށް ހުށަހެޅީ، އަދި އެ ބޯޑުން މި ހުއްދަ ލިބިގެން މި ދިޔައީ. ޑޮކްޓަރުންގެ ލަފަޔަށް އިހުތިރާމު ކުރީތީ ކަމާ ގުޅޭ މުއައްސަސާ ތަކަށް ޝުކުރު އަދާކުރަން. މި ދަތުރުގައި އަދީބުގެ ލޮލަށް ބޭނުންވާ ފަރުވާގެ އިތުރުން ކުރީން ޑޮކްޓަރުން ލަފާ ދީފައިވާ ގޮތުގެ މަތީން ކެންސަރުގެ ޓެސްޓުތައް ވެސް ކުރެވޭނެ." ނަޝްވާ ވިދާޅުވި އެވެ.