ޝަހީދާ އަބްދުﷲ ސައީދު
ސުކޫލު ކުދިންނަށް ދޭ ނާސްތާގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ނާސްތާގެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު އިފްތިތާހު ކުރި އިރު ރަށެއްގެ ސުކޫލުގައި ދަރިވަރުންތަކެއް މުށިގަނޑުމަތީ ބައިތިއްބައިގެން ކަރުދާހަށް ކާތަކެތި އަޅާފައި ދިން މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނާސްތާ ދޭން ފެށިއިރު ނާސްތާއަށް ތައްޔާރުކުރާ ކާނާ ތައްޔާރުކުރަން ބޭނުންކުރާ ތަކެއްޗާއި ތައްޔާރުކުރާ ގޮތާއި އަދި ތަނާއި ތައްޔާރުކޮށްގެން ދަރިވަރާއި ހަމައަށް ގެންނަ ގޮތުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށްފައި ނުވާ ކަމަށެވެ.
އަދި އެކަން އިސްލާހު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މުއިއްޒު ވަނީ ގޮވައިލައްވާފައެވެ.
އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށި ފަހުން މިއަދު ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިފްތިތާހު ކުރި އިރު ދަރިވަރުންތަކެއް ތަޅުންމަތީގައި ބައިތިއްބައިގެން ނާސްތާ ދިނުމުން މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމައްސަލަ ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ނާސްތާ ޕްރޮގްރާމުގެ އުސޫލާ ހިލާފަށް ބައެއް ސްކޫލުތަކުގައި ކަންކަން ހިނގަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުން ހިންގާ އެފަދަ ޕްރޮގްރާމުތަކަށް ބެލެނިވެރިން ކުރާ އިތުބާރު ގެއްލޭ ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީން ވަނީ އެކަން ކުރި ފަރާތްތަކާ މެދު މިހާރު ފިޔަވަޅު އަޅައިފައެވެ.