ރައްޔިތުންގެ މަޖިލިސް

ރިޔާސީ ކޮމިޝަނަށް ބާރުތައް ދިނުމުން ނުކުންނާނެ ނަތީޖާއަށް ވިސްނަންޖެހޭ: ޣައްސާނު

ޝަހީދާ އަބްދުﷲ ސައީދު

2

ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ދިނުމުން މުސްތަގުބަލުގައި ނުކުމެދާނެ ނަތީޖާއަށް ވިސްނާލަންޖެހޭ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިޔުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަނަށް ބާރުތައް ދިނުމާ ގުޅޭގޮތުން ބަހުސް ކުރައްވަމުން ޣައްސާނު މައުމޫން ވިދާޅުވީ ގެއްލިފައިވާ ފައިސާ ހޯދަން ޖެހޭ ކަމަށާއި އެކަމުގައި އިހުމާލުވާ މީހަކު ހުރިނަމަ، އެމީހަކު އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް އެކަން ކުރުމަށް ގާނޫނު އަސާސީގައި ކަނޑައެޅިފައި ހުރި އުސޫލުތަކެއް އެބަހުރި ކަމަށާއި ގާނޫނުއަސާސީއާއި ގާނޫނުތަކުން ބާރު ލިބިގެން އުފެދިފައިވާ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކޮމިޝަންތައް އެބަހުރި ކަމަށެވެ.

އެހެންކަމުން އެ މަސައްކަތްތައް ތަކުރާރު ކުރަން ގާނޫނީ ބާރުތައް ދީގެން އަލުން އިތުރު ކޮމިޝަނެއް އުފެއްދުމުން ނުކުމެދާނެ މައްސަލަތަކަށް މަޖިލީހުން ވިސްނަން ޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އެފަދަ ބާރުތައް އެއްބައެއްގެ މައްޗަށް ދޫކޮށްލައިފިނަމަ، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ޗެކް އެންޑް ބެލެންސްގެ އުސޫލުތައް ގެއްލިގެން ދާނެކަން ޣައްސާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޣައްސާނު ވަނީ ރިޔާސީ ކޮމިޝަންތަކުގެ ބިލުގެ 14 ވަނަ މާއްދާގައި ބުނެފައިވާ ކޮމިޝަންތަކުގެ މެންބަރުންނަށް ލިބިދޭ ހިމާޔަތްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ކޮމިޝަނުގެ މެންބަރުން ކުރައްވާ އެއްވެސް ކަމަކަށް ފަހުގެ ތާރީހެއްގައި ވިޔަސް ޖިނާއީ، އަދި މަދަނީ މައްސަލައެއްގައި ވެސް އެއްވެސް މަޖިލީހެއްގެ ކުރިމައްޗަށް ހުށަހެޅުމުގެ ފުރުސަތެއް ނެތުމަކީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟