ބޮލީވުޑް

ކަރީނާ އާއި ޕްރިޔަންކާ އެކީގައި ކޮފީ ވިތް ކަރަންއަށް

ކޮފީ ވިތް ކަރަންގެ ހަ ވަނަ ސީޒަން ފެށިގެން ދިޔައީ ބޭންގް އަކާ އެކީގައެވެ. ޕްރީމިއަމް އެޕިސޯޑްގައި ދީޕިއާ އާއި އާލިޔާ ބަޓް އާ އެކު ފެށިގެން ދިޔަ މި ޝޯގައި ވަރަށް ގިނަ ތަރިންގެ ހީވެސް ނުކުރާ ޖޯޑުތައް އަންނަނީ ފެންނަމުންނެވެ.

މިހާރު އެންމެ ގަދަ އަށް ދެކެވޭ ވާހަކަ އަކީ އެ ދެތަރި އަކު އެކަކު އަނެކަކަށް އަބަދުވެސް ކްރިޓިސައިޒް ކޮށް ނެގަވިޓް ކޮމެންޓް ކުރަމުން ދިޔަ ކަރީނާ އައި ޕްރިޔަންކާ އެކީގައި ޝޯ އިން ފެނިދާނެ ކަމުގެ ޚަބަރެވެ.

މުމްބާއި މިރޯ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަދި އެދެ ތަރިންގެ ޝޯ ރިކޯރޑް ކޮށްފައި ނުވި ނަމަވެސް ދެތަރިންވެސް ވަނީ އެކީގައި ޝޯއަށް އަރަން އެއްބަސްވެފައެވެ. ޕްރިޔަންކާ މިވަގުތު ހުރީ ނިއު ޔޯކްގައެވެ.

ޕްރިޔަންކާ އާއި ކަރީނާ ވަނީ 2004 ވަނަ އަހަރު ފިލްމް "އެއިތްރާޒް" ގައި އެކީގައި މަސައްކަތް ކޮށްފައެވެ. މި ދެތަރިން މެދުގައި މައްސަލަ ޖެހެން ފެށީ ކޮފީ ވިތް ކަރަންގެ ޝޯއެއްގައި ކަރީނާ، ޕްރިޔަންކާ އޭނާގެ އެކްސެންޓް ހޯދީ ކޮންތާކުންތޯ އަހަން ބޭނުން ކަމަށް ބުނުމުންނެވެ. އެއީ ޕްރިޔަންކާ ހޮލީވުޑް ސީރީސް ކުއެންޓިކޯ ކުޅެން ފެށިއިރެވެ.

މި ކޮމެންޓަށް ޖަވާބު ދެމުން ޕްރިޔަންކާ ވަނީ އެ އެކްސެންޓް ހޯދީ ސައިފް ވެސް އެކްސެންޓް ހޯދި ތާކުން ކަމަށް ބުނެފައެވެ. އޭރު ކަރީނާ އާއި ސައިފް ކައިވެންޏެއް ނުކުރެ އެވެ. އެހެން ކަމުން އެ ޝޯ އަށް ދެ ތަރިން އެކީގައި އަރަފި ކަމަށް ވާނަމަ ޝޯ ވަރަށް އިންޓްރެސްޓިން ވާނެ ކަމަށް ބެލެވެއެވެ.

ކަރީނާ އަދި ޕްރިޔަންކާގެ އިތުރުން، ރަންވީރު ސިންގް، ސައިފް އަލީ ޚާން، ސާރާ އަލީ ޚާން، ޖާވީ ކަޕޫރު، އަރްޖުން ކަޕޫރު، ބަދްޝާން، ދިލްޖިދް ދޯސަންޖް އަދި އާމިރް ޚާންވެސް މިފަހަރުގެ ކޮފީ ވިތް ކަރަންގެ ސީޒަންގައި ފެނިގެން ދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ޕްރިޔަންކާ މިވަގުތު ދަނީ ފިލްމް "ސްކައި އިސް ޕިންކް" ގެ މަސައްކަތް ކުރަމުންނެވެ. އެއީ ޝޮނާލީ ބޯސް ޑައިރެކްޓް ކުރާ ފިލްމެކެވެ. އެ ފިލްމްގައި ފަރްޚާން އަހްތަރު އަދި ޒައިރާ ވާސިމް ޕްރިޔަންކާ އާ އެކީ ހަރަކާތްތެރި ވެއެވެ.

ކަރީނާ ތައްޔާރު ވަމުން އަންނަނީ ފިލްމް "ގުޑް ނިއުސް" ޝޫޓް ކުރުމަށެވެ. އެ ފިލްމްގައި ކަރީނާ އާ އެކީ އަކްޝޭ ކުމާރު، ދިލްޖިތް ދޯސަންޖް އަދި ކައިރާ އަދްވާނީ ލީޑު ރޯލުން ފެނިގެން ދާނެއެވެ. ރާޖް މެހްތަ ޑައިރެކްޓް ކުރާ މި ފިލްމަަށް ފަހު ކަރަން ޖޯހަރްގެ ފިލްމް "ތަހްކް" އިން ކަރީނާ ފެނިގެން ދާނެއެވެ.