19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 17 ކޮމެޓީއެއް ފާސްކޮށް، ކޮމެޓީތަކަށް މެންބަރުން ކަނޑައަޅައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގައި ހިމެނޭ ދާއިމީ 16 ކޮމިޓީއަކާއި އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ފާސްކޮށް އެކޮމެޓީތަކަށް ކަނޑައަޅާ މެމްބަރުންގެ އަދަދު ފާސްކޮށްފައެވެ.
އެގޮތުން ސިޔާސީ ޕާޓީތަކަށާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުން ހިމެނޭ ގޮތަށް، ކޮމިޓީތައް އެކުލަވާލުމަށް މަޖިލީހުން ހޮއްވެވި، ވަގުތީ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، އެރިޕޯޓް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 80 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު ފާސްކުރި ޖުމްލަ 17 ކޮމެޓީގެ މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ.
ދާއިމީ 16 ކޮމިޓީއެއްގައި ޖުމްލަ 176 މެންބަރުން ތިއްބަވާނެއެވެ. އޭގެ ތެރެއިން އެމްޑީޕީއަށް 132 ސީޓް ލިބޭއިރު، މިއީ ކޮމިޓީތަކުގެ 75 ޕަސެންޓެވެ. ޕީޕީއެމްއާއި ޖޭޕީއަށް ކޮމިޓީތަކުގެ ހަ ޕަސެންޓް ލިބޭ އިރު، ކޮންމެ ޕާޓީއަކަށް ވެސް ކޮމެޓީތަކުން ލިބޭނީ ޖުމްލަ 10 ސީޓެވެ.
ޕީއެންސީއަށް ކޮމެޓީތަކުން ހަ ސީޓް ލިބޭއިރު، އެމްޑީއޭއަށް ހަތަރު ސްލޮޓް އަދި އަމިއްލަ މެންބަރުންނަށް ޖުމްލަ 14 ސީޓް ކޮމިޓީތަކުން ލިބޭނެއެވެ.
މީގެ އިތުރުން 241 ކޮމެޓީގައި 13 މެންބަރުން ތިއްބަވާއިރު އޭގެތެރޭގައި އެމްޑީޕީގެ އަށް މެންބަރުން ތިއްބަވައެވެ. އެހެން ޕާޓީތަކާއި އަމިއްލަ މެމްބަރުންގެ ތެރެއިން ކޮންމެ ފަރާތަކުން އެ ކޮމިޓީއަށް އެއް މެމްބަރަކު ވަނީ ހަމަޖައްސާފައެވެ.