ކްރިމިނަލް ކޯޓް

އަންހެނަކާއި ފޮށުނު މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މާލޭ މަގުމަތިން އަންހެނަކާއި ފޮށުނު ކަމުގެ ތުހުމަތަށް ހައްޔަަރުކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މިހާދިސާ ފުލުހުންނަށް ރިޕޯޓުކުރުމުން އެމައްސަލައިގައި ތުހުމަތު ކުރެވޭ 56 އަހަރުގެ މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމައްސަލައިގައި އިތުރު ވިކްޓިމްސް އުޅޭކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި މިއްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކުރަން ބޭނުން ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3000600 އަދި 9790163 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އާންމުންގެ ކިބައިން އެދިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު މަގުމަތިން ދިޔަ އަންހެނަކަށް ފުރައްސާކުރި ކަމަށް ބުނާ މީހާގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ.

މި ވީޑިއޯކޮޅާއެކު އެ ފިރިހެންމީހާ އޭނާއާ މެދު އަމަލު ކުރިގޮތް އަންހެން ކުއްޖާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެއާއެކު އެތައް ބަޔަކު ވަނީ ކަމާބެހޭ އިދާރާތަކުން މިމައްސަލަ ބަލައި، މި ފިރިހެންމީހާ އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ފުލުހުންގެ ސްޕޯކްޕާޝަން އިޒްމިއާ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވަނީ މި މައްސަލަ ބަލައިދޭނެކަމަށް ވިދާޅުވެފައެވެ. އަދި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މި މައްސަލައާ ގުޅޭގޮތުން ވިދާޅުވެފައިވަނީ އެ މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ބަލަމުން އަންނަ ކަމަށެވެ.