އުމަރު ނަސީރު

''ރާއްޖެ މިދަނީ އިންޑިއާގެ އަޅުވެތިކަމާ ދިމާއަށް ދަތުރުކުރަމުން''

ޝަހީދާ އަބްދުﷲ ސައީދު

2

އިންޑިއާގެ އަޅުވެތިކަމާ ދިމާއަށް ދިވެހި ރާއްޖެ މިހާރު މަޑުމަޑުން ދަތުރުކުރަމުން ދާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވަނީ އެމްޑީޕީގެ ސަރުކާރެއް އުފެދޭ ކޮންމެ ފަހަރަކު އިންޑިއާގެ ކުންފުނިތަކަށް ރާއްޖޭގެ ބިންތަކާއި ދައުލަތުގެ މަސައްކަތްތައް ދެނީ ދިވެހި ކުންފުނިތަކުގައި އެމަސައްކަތްކުރާނެ ގާބިލު ދިވެހިން ނެތުމުންތޯ ސުވާލު އުފައްދަވާފައެވެ.

އުމަރު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން އިންޑިއާއާއި ގުޅުންހުރި އެކިއެކި ކުންފުނިތަކަށް ދައުލަަތުގެ ބިންތަކާއި އެސެޓްތައް ދީފައިވާކަމަށެވެ.

އެގޮތުން މާލޭގައި ހުރި އެންމެ އަގުބޮޑެތި ބިންތައް ފުލެޓް އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏަށް ދިން ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ޖީއެމްއާރަށް 25 އަހަރަށް ހަވާލުކުރުމާއި އަދި ކުނި ނައްތާލުމަށް 20 އަހަރު ދުވަަހަށް ދިން ކަމަށެވެ.

އަދި އައިޖީއެމްއެޗް ހިންގުން 15 އަހަރަށް އިންޑިއާގެ އެޕޯލޯ ކުންފުންޏަށް ދީފައިވާއިރު އައްޑޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބައިވޯޓާ ކުންފުންޏަށް ދީފައިވާކަން އުމަރު ފާހަގަކުރެއްވިއެވެ.

އަދި ގުޅީފަޅު ހިއްކައިގެން ތަރައްގީ ކުރުމަށް އިންޑިއާގެ މީހަކު ހިންގާ ސީއައިއެލް ކިޔާ ކުންފުންޏަކަށް ދިން ކަމަށާއި ޣިޔާޘުއްދީން ސްކޫލު ހިންގުމަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރި ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ދޮރުވެސް ހުޅުވާލަ ދިނީ 2010 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން މިހާރު އައްޑު އަތޮޅު ގަމާއި ހައްދުންމަތީގައި އިންޑިއާގެ 150 ސިފައިން އެބަތިބި ކަމަށް ވެސް އުމަަރު ވިދާޅުވިއެވެ.

'' އަބަދު އިންޑިއާގެ ގޮނޑި ކޮއްކޮއަކަށްވެގެން އެމީހުންގެ ފައިދަށުގައި އޮތުމުގެ ވިސްނުން އެމްޑީޕީން މި ގެންގުޅެނީ ކީއްވެގެންތޯ. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ، ގައުމެއްގެ ގޮތުގައި ހިނގުމުގެ ވިސްނުން އެމްޑީޕީން ގެންގުޅެން ފަށަން ވެއްޖެ. މިގައުމުގެ އަމިއްލަވަންތަކަމާއި ދައުލަަތުގެ ވިޔަފާރިތައް ފުނޑުފުނޑުވެގެން ގޮސް އިންޑިއާގެ އަޅުވެތިކަމާއި ދިމާއަށް ރާއްޖެ މިދަނީ މަޑުމަޑުން ދަަތުރުކުރަމަުން.'' އުމަރު ނަސީރު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟