ވިލިމާލޭ މަގެއްގެ މައްޗަށް އަރިއަޅާލާފައިވާ ބޮޑު ގަސް ކަނޑާލީ ސުކޫލެއް ކައިރީގައި ހުރުމާއެކު މީހަކަށް ގެއްލުމެއް ލިބިދާނެތީ ކަމަށާއި ބަދަލުގައި އެތަނުގައި ގަހެއް ޖަހާނެކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ވިިމާލެއިން ހިޔާބޮޑު ގަހެއް ކަނޑާލި މައްސަލަ ފާހަގަކޮށް ވިލިމާލޭގެ ފެހިކަން ގެއްލެނީތޯ ސުވާލުކޮށް މީހަކު ކުރި ޓުވީޓަކާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ޝިފާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެގަހުގެ ބަދަލުގައި އެތަނުގައި އެހެން ގަހެއް ޖަހާނެ ކަމަށެވެ.
އަދި ގަސް ކަނޑާލީ މަގެއްގެ މައްޗަށް ގަސް އަރިއަޅާލައި އެސަރަހައްދުގައި ސުކޫލެއްވެސް ހުރުމާއެކު މީހަކަށް ގެއްލުމެއް ވެދާނެތީ ކަމަށް ޝިފާ ވިދާޅުވިއެވެ.
މިދުވަސްވަރަކީ ވިއްސާރަވެ، ވައިގަދަ ދުވަސްވަރަކަށް ވުމުން ބައެއް ރަށްރަށުގައި ވެސް ކޮޅިގަނޑުގައި ބޮޑެތި ގަސްތައް ވެއްޓެމުންދާކަން ފާހަގަކުރެވެއެވެ.