އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލްގެ ހުރިހާ ގޮތަކުން އެންމެ ރަނގަަޅު މުވައްޒަފަކަށް ޑރ. އީޝްވަރު

އަހުމަދު ޖައިޝަން

އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުންގެ ތެރެއިން މިދިޔަ އަހަރުގެ "އެމްޕްލޯއީ އޮފް ދަ އިޔަރ" އެވޯޑް، ޑރ. އީޝްވަރު ޝަރްމާ އަށް ލިބިއްޖެއެވެ.

އޭޑީކޭގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ އިނާމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އިނާމު ލިބުނު ޑރ. އީޝްވަރަކީ އިންޓާނަލް މެޑިސިންގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ.

އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑް ލިބޭ ފަރާތަކަށް މިއަހަރު ވަނީ 15،000 ރުފިޔާ ފައިސާގެ އިނާމު ހަމަޖައްސާފައެވެ. ފައިސާގެ އިނާމުގެ އިތުރުން އީޝްވަރަށް ވަނީ ފަސް ދުވަހު ތުރުކީގެ މުހިއްމު އަވަށެއް ކަމަށްވާ އިސްތާންބުލްގައި ހޭދަ ކޮށްލުމުގެ ހާއްސަ ޕެކޭޖެއް ދީފައެވެ. އެ ދަތުރަށް އީޝްވަރު ބޭޭނުން ފަރާތެއް ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

މީގެ އަށް އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑު ދެ ފަހަރު އެއްވެސް މުވައްޒަފަކަށް ލިބިފައި ނުވާ ކަމަށް އޭޑީކޭއިން ބުނެއެވެ.

މިދިޔަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔަ އެވޯޑް ހޯދާފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެއް ކަމަށްވާ ފާތިމަތު ސަމީރާއަށެވެ.

ޣިޔާސުއްދީން ސްކޫލުގައި މިރޭ ކުރިއަށް ގެންދިޔަ ހާއްސަ ޖަލްސާއެއްގައި އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަންކޮށްފައިވެއެވެ.

"އެމްޕްލޯއީސް ޕާފޯމެންސް އެވޯޑްސް" ނަމުގައި އޭޑީކޭއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެވޯޑް ހަފްލާގައި ހޮސްޕިޓަލުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. މިއަހަރުގެ ޖަލްސާގައި 52 މުވައްޒަފަކަށް އެވޯޑު ދީފައިވެ އެވެ.

އޭޑީކޭ މުވައްޒަފުންގެ ތެރެއިންވެސް އެންމެ ރަނގަޅު މުވައްޒަފުން ހޮވުމަށްޓަކައި "ސިލްވާ" އާއި "ގޯލްޑް" އެވޯޑް ނަމުގައި ހާއްސަ ދެެ އެވޯޑެއް ވަނީ ތައާރަފުކޮށްފައެވެ. އެއިން ކޮންމެ އެވޯޑަކަށް ފަސް މުވައްޒަފުން ހޮވާއިރު، ސިލްވާ އެވޯޑް ލިބޭ މުވައްޒަފުންނަށް 5،000 ރުފިޔާގެ އިނާމެއް ލިބެއެވެ. އަދި ގޯލްޑް އެވޯޑް ލިބޭ މުވައްޒަފުންނަށް 7،500 ރުފިޔާ ފައިސާގެ އިނާމެއް ލިބެއެވެ.

މިދިޔަ އަހަރުގެ ސިލްވާ އެވޯޑް ލިބިފައިވަނީ:
ފާތިމަތު ސަމީރާ – ސީނިއަރ ސްޓާފް ނާސް ގްރޭޑް 2
އިނާޔަތު އަލީ ދީދީ – ކްލިނިކަލް ނާސް
ޝަރީން ޝެޕްލިން – ރޭޑިއޯގްރަފަރ ގްރޭޑް 1
ސިސީލިއާ ރާޖް ކްލައިމް – ކްލިނިކަލް ނާސް
ހެމަންތަ ލަކްމަލް ވިތަނަގެ – ޕަވަހައުސް

ގޯލްޑް އެވޯޑް ލިބިފައިވަނީ:
ޑރ. ޔޮގީތާ ޗޭތަން – ސީނިއަ ރެޖިސްޓަރާ އިން އޮބްސްޓީޓްރިކްސް އެންޑް ގައިނޭކޯލޮޖީ
ލިފްނީ ރަޖަން – ސީނިއަ ލެބޯރަޓޮރީ ޓެކްނޯލޮޖިސްޓް ގްރޭޑް 2
ޑރ. ޕްރަތިޔުޝާ ކަތަމާރެޑީ – ސީނިއާ ރެޖިސްޓަރާ އިން ބަޔޯކެމިސްޓްރީ އެންޑް ކޮލިޓީ ކޮންޓްރޯލް
ފާތިމަތު އާސްތާނާ – ސީނިއާ ސްޓާފް ނާސް ގްރޭޑް 3
މުހައްމަދު ވަހީދު - މެއިންޓެނެންސް

މިރޭގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ އެންމެ މޮޅު މުވައްޒަފުން ހޮވުން ވަރަށް އުނދަގޫ ކަމަށެވެ.

އޭނާ ވިދާޅުވީ މުވައްޒަފުންގެ އެވޯޑް ލިބޭ ފަރާތްތައް ހޮވުމުގައި ގިނަ ކަންތައްތަކަށް ބައްލަވާ ކަމަށެވެ. އޭގެތެރޭގައި ޕާފޯމެންސް އާއި އެޓެންޑެންސް ފަދަ ކަންތައްތައް ހިމެނެއެވެ. އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެ އެވޯޑް ދިނުމުގައި މުޅިން އާ ބަޔަކަށް ބައްލަވާނެ ކަމަށް ވެސް އައްފާލު ވިދާޅުވި އެވެ. އެއީ މުވައްޒަފުންގެ ހެލްތް އެންޑް ވެލްބީން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިއަހަރު އަޅުގަނޑުމެން އަލަށް ބަލަން ފެށި ބައެއް އެއީ ހެލްތު އެންޑް ވެލްބީން. އެއީ ތަނުގެ ޕްރޮޑަކްޓިވިޓީއަށް ބަލާއިރު މުހިއްމު ކަމެއް ކަން އެނގޭ،" އައްފާލު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އަންނަ އަހަރުގެ ޕާފޯމެންސް އެވޯޑް ދޭއިރު ހެލްތު އެންޑް ވެލްބީން އަށް ބޮޑު އިސްކަމެއް ދޭނެއެވެ.