ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކޮމިޓީތަކެއްގެ މެޖޯރިޓީ، އެމްޑީޕީއަށް ލިބޭ ގޮތަށް ހެދުމަށް މަޖިލިހުގެ ވަގުތީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މަޖިލިހުގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލާއެކު 241 ކޮމިޓީ ހިމަނައިގެން 17 ކޮމިޓީއެއް ވަނީ ހަދައިފައެވެ. ގާނޫނު އަސާސީގައިވާ ގޮތުން 241 ކޮމެޓީގައި ހުރިހާ ޕާޓީއަކުން މެންބަރުން ތިއްބަވަންޖެހެއެވެ. ނަމަވެސް އެކޮމެޓީގެ މެޖޯރިޓީ ވެސް ލިބޭނީ އެމްޑީޕީއަށެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކޮމެޓީތަކުގެ މެޖޯރިޓީ ލިބެނީ އެމްޑީޕީއަށެވެ.
ކޮމެޓީތައް އެކުލަވާލުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ވަނީ ވަގުތީ ކޮމެޓީއެއް އެކުލަވާލާފަ އެވެ.
އެކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މެމްބަރުން އެއްބަސްވެވަޑައިގަންނަވާ ނަމަ ބައެއް ކޮމިޓީތަކުގައި 13 މެމްބަރުން ހިމެނިދާނެ ކަމަށެވެ.
އަދި ހުރިހާ ޕާޓީތަކަށް ކޮމިޓީތަކުން ފުރުސަތު ދިނުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދުވެސް ވަނީ އާޒިމްގެ ވާހަކައަށް ތާއީދުކުރައްވައި ވާހަކަ ދައްކަވައިފައެވެ.
އެގޮތުން މުހައްމަދު ރަޝީދު ވިދާޅުވީ ޕާޓީތަކުގެ މެމްބަރުން ކޮންމެ ކޮމިޓީއެއްގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މާލިއްޔަތު ކޮމިޓީތައް ފަދަ ބޮޑެތި ކޮމިޓީތަކުގެ މެމްބަރުންގެ އަދަދު އިތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް އެހެން ބައެއް މެމްބަރުން ވެސް ވަނީ އެކަމަށް ތާއީދު ކުރައްވައިފައެވެ.
13 މެމްބަރުންނަށް އިތުރުކުރާ ކޮމެޓީތަކާ ގުޅިގެން ވަގުތީ ކޮމެޓީގައި ކުރި މަޝްވަރާތަކުގައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވީ، މުހިންމު ތިން ކޮމެޓީގެ މެމްބަރުންގެ އަދަދު 13 އަށް ހެދުމަށެވެ. އެ ހުށަހެޅުއްވުމަށް ހިންވަރު ދާއިރާގެ މެމްބަރު، ޖީހާން މަހަމޫދު ވަނީ ތާއީދުކުރައްވައިފައެވެ.
އެ ކޮމެޓީތަކަކީ، މާލިއްޔަތު ކޮމެޓީ، މިނިވަން މުއަސަސާތަކާ ބެހޭ ކޮމެޓީ، އިގުތިސާދީ ކޮމެޓީ، އަދި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އެވެ. ނަމަވެސް އެ ހުށަހެއްޅުވުމާ މެދު މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނިންމާފައި ނުވެއެވެ.
މިއަދު ކޮމެޓީ ނިންމާލިއިރު، އާޒިމް ވަނީ ކޮމެޓީތަކުގައި ހިމަނަން ޕާޓީތަކުން ބޭނުންވާ މެމްބަރުންގެ ނަންތަކާއި އަދަދުތައް ފޮނުއްވުމަށް އެދިވަޑައިގެން ބައްދަލުވުން ނިންމާލާފައެވެ.
އަދި މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރަކަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ނައިބު މުގައްރިރަށް މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސައީދު ވަނީ އިންތިހާބުކޮށްފައެވެ.
މަޖިލީހުގެ ކޮމެޓީތަކުގެ ޖާގަ ލިބޭ ގޮތަށް ބަލާއިރު މަޖިލިހުގައި 65 މެމްބަރުން ހިމެނޭ އެމްޑީޕީއަށް ލިބެނީ 132 ޖާގައެވެ. އެހެންކަމުން އެމްޑީޕީއަށް ކޮންމެ ކޮމިޓީއަކުން ނުވަ ޖާގަ ނުވަތަ އަށް ޖާގަ ލިބޭނެއެވެ.
އަދި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްގައި ފަސް މެމްބަރުން ހިމެނޭ އިރު، އެއިން ކޮންމެ ޕާޓީއަކަށް 10 ކޮމިޓީން ޖާގަ ލިބޭނެއެވެ. އެއިން ކޮންމެ ކޮމިޓީއެއްގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ތިބެވެނީ ކޮންމެ ޕާޓީއަކުން އެންމެ މެންބަރެކެވެ.
މީގެ އިތުރުން ކޮންގްރެސް ޕާޓީގައި ތިން މެމްބަރުން ތިއްބަވާ އިރު، އެ ޕާޓީއަށް ހަ ކޮމިޓީއަކުން ޖާގަ ލިބެއެވެ. އެއީ ކޮންމެ ކޮމިޓީއަކުން އެއް ޖާގައެވެ.
އެމްޑީއޭގެ ދެ މެމްބަރުންނަށް ހަތަރު ކޮމިޓީއަކުން ޖާގަ ލިބޭ އިރު، އެއީ ހަތަރު ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއަކުން އެއް ޖާގައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަތް ބޭފުޅުންނަށް 14 ކޮމިޓީއަކުން ޖާގަ ލިބެއެވެ. އެއީ 14 ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއެއްގައި އަމިއްލަ އެއް މެމްބަރެކެވެ.