ޝަހީދާ އަބްދުﷲ ސައީދު
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ސީނިއާ ތިން މުވައްޒަފަކު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމު މިއަދު ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ތިން މުވައްޒަފަކު މިއަދު އިސްތިއުފާ ދެއްވި ކަމަށެވެ.
އަދި އެކުންފުނީގެ މުވައްޒަފުންތަކެއް އިސްތިއުފާދީފައިވާކަމަށް ބުނެ ދައުކުރަމުންދާ ލިސްޓުގައިވާ ބައެއް މީހުންނަކީ މާކުރިން މަގާމުން އިސްތިއުފާ ދެއްވާފައިވާ މުވައްޒަފުން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ކުންފުނީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މުވައްޒަފުން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ސީނިއާ މުއައްޒަފުންތަކެއް އިސްތިއުފާ ދީފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓުގައި އަށް މީހެއްގެ ނަން ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި، ސޭފް ޕައިލެޓާއި ކޮމްޕެނީ ހެޑް އޮފް ޓްރެއިނިން އެންޑް ސްޓޭންޑާޑްސް އާއި ޑޭޝް8ގެ އަށް ޗީފް ޕައިލެޓުންނާއި ޓްރެއިނިން ކެޕްޓަން އޮފް ސީ ޕްލޭން އޮޕަރޭޝަންސް އާއި ސީޕްލޭން އޮޕަރޭޝަންގެ ހެޑް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.