ހުތުބާ

ދުނިޔެ މަތީ އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް، އެއީ ވަގުތީ އެއްޗެހި: ހުތުބާ

ދުނިޔެ މަތީ އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް، އެއީ ވަގުތީ އެއްޗެހި ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ދުނިޔެއިން ހޯދާ މުދަލަކީ ދާދި އަވަހަށް ފަނާވެ ހިނގައިދާނެ އެއްޗެހި ކަމަށާއި ނުވަތަ އެއީ އެތަކެތި ދޫކޮށްފައި ދާން ޖެހިދާނެ ތަކެތި ކަމަށެވެ. އަދި އެއަށްފަހު އަންނާނީ މާތް ﷲގެ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭ ދުވަސް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

"އިންސާނާ ކިތަންމެ މުދަލެއް ދުނިޔެއިން ހޯދިޔަސް އެ މުދަލަކީ ވަގުތީ އެއްޗެކެވެ. އެއަށްފަހު ވާނީ މާތް ﷲގެ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭ ދުވަހެވެ. އެ ދުވަހުން އޮތްގޮތަކީ ތިމާއަކީ މާތް ﷲ އެންގެވި ގޮތަށް އެ މުދާ ހޯދައި، އެކަލާނގެ މަގުގައި އެ މުދާ ހޭދަކޮށްފައިވާ މީހެއް ކަމުގައި ވުމެވެ. އެފަދަ މީހަކަށް ތިބާ ވެއްޖެނަމަ، އުފަލުގެ ކޮޅެއް ނެތެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ މާތް ﷲ އަންގަވަނީ ދުނިޔެ އަދި އާހިރަތަކީ ވެސް ހަޔާތެއް ކަމަށާއި އެހެންވެ ދުނިޔެ ފަނާވެދާތީ އާހިރަތަކީ އަބަދަށް ދެމިގެންވާ ތަނެއް ކަމުގައި އެންގެވި ކަމަށެވެ. އަދި ނެތިވެ ފަނާވެދާ ހުރިހާ އެއްޗަކާއި ކަމަކީ ދުނިޔެވީ ކަންކަން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މީހެއްގެ މުދާވެރިކަން ގެއްލި، އޭނާގެ ޖާހު ގެއްލިއްޖެނަމަ އޭނާގެ ދުނިޔެ ދިޔައީއެވެ. މީހަކު މަރުވެއްޖެ ނަމަ، އޭނާގެ ދުނިޔެ ނިމިދިޔައީއެވެ. އިންސާނާގެ ދުނިޔަވީ ހަޔާތް މާތް ﷲ ލައްވަވާފައިވަނީ އޭނާގެ އުހުރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ ގޮތުގައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އެ ބިމުގައި އޭނާ ރަނގަޅަށް ގޮވާން ނުކޮށްފި ނަމަ، އޭނާގެ ވެރި ރަސްކަލާނގެ ހަޟްރަތަށް ދާންޖެހޭނީ ހުސްއަތާ ކަމަށާއި ބުއްދިވެރިޔަކީ އުހުރަވީ ހަޔާތް އަބަދުމެ ހިތް މައްޗަށް ގެނެސް ލިބިފައިވާ ހަޔާތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހާ ކަމަށެވެ.