ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް

މޯދީގެ ދަތުރުފުޅާ ގުޅިގެން އެއާޕޯޓްގެ އާންމު ދަތުރުފަތުރުތަކަށް ބަދަލު ގެންނަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ އާންމު ދަތުރުތަކަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނީ މާދަމާ މެންދުރު 12 އިން ފެށިގެން ހަވީރު 4 އާ ހަމައަށް، އެއާޕޯޓުން މާލެއަށް ކުރާ ފެރީ ދަތުރުތައް އޮންނާނީ ފުޑް ކޯޓުތައް ހުންނަ އިމާރާތާ ދިމާލުން ކަމަށެވެ.

އަދި އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ހެނދުނު 9:30 އާ ހަމައަށް ވެސް މާލެ އަންނަ ފެރީތައް ފުރާނީ އެ ޖެޓީންން ކަމަށެވެ.

ޓެކްސީ ތަަކުގައި އެއާޕޯޓަށް ދާ ފަސިންޖަރުންގެ ޑްރޮޕް އޮފް ޕޮއިންޓަކީ މިހާރުވެސް ޓެކްސީތައް މަޑުކުރާ ސަރަހައްދު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އަދި އެއާޕޯޓުން މާލެ، ނުވަތަ ހުޅުމާލެދާ ފަސިންޖަރުން ޓެކްސީގައި ދާނަމަ ޓެކްސީއަށް އަރަންޖެހޭނީ ވެސް އެ ސަރަހައްދުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މިހާރު އެއާޕޯޓުން ޓެކްސީއަށް އަރަނީ އިންޓަނޭޝަނަލް އެރައިވަލް ޓާމިނަލް ކައިރިންނެވެ.

އަދި އެމްޓީސީސީ އާއި އެމްޕީއެލް އިން ދުއްވާ ބަސްތައް އެއާޕޯޓްގައި މަޑު ކުރާނީ އެއާޕޯޓް މުވައްޒަފުންގެ ސައިކަލުތައް ޕާކް ކުރުމަށް ހަދާފައިވާ ޕާކިން ޒޯން ހުރި ސަރަހައްދުގައެވެ.

ހުޅުލޭ އައިލެންޑް ހޮޓަލަށް އަންނަ މީހުން އަރުވައި، ބޭލުން އޮންނާނީ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.