ޝަހީދާ އަބްދުﷲ ސައީދު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތަފްސީލު ރައްޔިތުންނަށް ހާމަކުރުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފިއެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ ގޮތަށް ރާއްޖޭގެ މައި ދޮރާށި ނުއަގުގައި ވިއްކާލި ކަމަށެވެ.
އަދި މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ބަލައި، އެފަދަ ނިންމުމެއް ނިންމުމުގެ އިހުމާލު އޮތްކަމަށް އެޕާޓީން ގަބޫލުކުރާތީ ރާއްޖޭގެ އަމިއްލަ ވެރިކަމާ ސިޔާދަތާއި އަދި އިގުތިސޯދީ ގޮތުން ވަކި ބަޔަކަށް ބަރޯސާވާންޖެހޭވަރުގެ އެއްވެސް ގެއްލުމެއް ވާނެފަދަ ކަމެއް ނުކުރުމަށް އިލްތިމާސްކުރާކަމަށްވެސް ބުނެފައިވެއެވެ.
އަދި މޯދީގެ ދަތުރުފުޅުގެ ކަންކަން ރާއްޖޭގެ ސަގާފަތާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިހުތިރާމް ކޮށްގެން ކުރިއަށް ގެންދެވުމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން ބަޔާނުގައި ބުނެފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ އެ ގައުމުގެ އެކުވެރި ރައްޔިތުން ތަމްސީލު ކުރައްވަން ކަމަށް ވާތީ، އެމަނިކުފާނުގެ ދަތުރުފުޅު ބަލައިގަނެ މަރުހަބާ ކިޔާ ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ވެރިކަމުގައި ބޭރު ގައުމުތަކުގެ އިސްވެރިން ރާއްޖެ ވަޑައިގަތުމުން އެމްޑީޕީން ހިންގާފައިވާ އަމަލުތައް ފާހަގަކުރަމުން ބަޔާނުގައި ބުނެފައިވަނީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ އަށް ވަޑައިގަންނަވަން ނިންމެވުމުން، އެ ދަތުރުފުޅާ ދެކޮޅަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ ވާހަކަތައް ފެތުރިކަމަށެވެ.
އެ ވާހަކަތައް އެ ސަރުކާރުން އޭރު ދޮގުކުރި ކަމަށާއި ނަމަވެސް އެހެން ކަމެއް މަތިކުރައްވައި ސަލްމާންގެ ދަތުރުފުޅު ފަހު ވަގުތު ކެންސަލް ކުރެއްވި ކަމަށެވެ.
އަދި 2018 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަގުމައްޗަށް ނުކުމެވަޑައިގެން މުޒާހަރާ ކުރައްވައި، ސަލާމަތީ ބާރުތަކަށް ދަތިވާނޭ ގޮތަށް ކަންކަން ކުރައްވާފައިވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖެ އަށް އެއްވެސް ހުތުރު ނަމެއް ލިބޭނޭ ކަމެއް އެ ޕާޓީން ކުރިއަށް ނުގެންދާނޭ ކަމަށް ޕީޕީއެމުގެ ބަޔާނުގައި ވެއެވެ.