ޓެކްނޮލޮޖީ

ސްވިޑެންގެ އެތައް ހާސް ބައެއްގެ އަތުގައި ޗިޕް ހަރުކޮށްފި

މުހައްމަދު އައުޒަމް

ޓެކްނޮލޮޖީގެ ރޮނގުން ސްވިޑެން ބޮޑު އިންގިލާބެއް ގެނެސް އެގައުމުގެ އެތައް ހާސް މީހުންގެ އަތުގައި ޗިޕު ހަރުކޮށްފިއެވެ.

ހަނޑޫ ފުކެއްގެ ސައިޒުގެ މި ޗިޕުގެ އެހީގައި ތަންތަނަށް ފައިސާދެއްކުމާއި، ޓިކެޓް ގަތުމާއި އެކްސެސް ކާޑެއްގެ ބަދަލުގައިވެސް މި ޗިޕު ބޭނުން ކުރެވެއެވެ. އަދި މީގެ އިތުރުން މީސްމީޑިއާގެ އެކި ބޭނުންތަކުގައި ވެސް މި ޗިޕު ބޭނުންކުރެވެއެވެ.

މީގެ ފަސްއަހަރު ކުރިން ފެށިގެން ތައްޔާރުކުރަމުން އައި މި ޗިޕް އުފައްދާފައިވަނީ ބައޯހަކްސް އިންޓަނޭޝަނަލްއިންނެވެ. ބައޯހަކްސް ފާހަގަ ކޮށްލެވެނީ އާ އީޖާދުތައް ދުނިޔޭގެ މާކެޓަށް ތައާރަފް ކުރުމުގައި ކުރިއަރަމުންދާ ކުންފުންނެއްގެ ގޮތުގައެވެ.

ސްވިޑެންގައި މަޑުމަޑުން މަޝަހޫރުވަމުންދާ މިޗިޕް މިދިޔަ އަހަރުންފެށިގެން އެގައުމުގެ ރޭލުތަކުގައިވެސް ބޭނުން ކުރެއެވެ. އަތުގައި ހަރުކުރެވިފައިވާ މިޗިޕު ބޭނުންކޮށްގެން ރޭލު ޓިކެޓް ނެގޭއިރު މިހާތަނަށް 100 މީހުން މި ހިދުމަތް ކޮންމެދުވަހަކު ބޭނުންކުރެއެވެ.

ސްވިޑެންގެ ބައެއް ކުންފުނިތަކުންވެސް ވަނީ މިޗިޕް ބޭނުންކުރަންވަނީ ފަށައިފައެވެ. ކުންފުނީގެ އެކްސެސް ކާޑުގެ ބަދަލުގައިވެސް ބޭނުން ކުރަން ފަށާފައިވާއިރު ކާޑުބޭނުން ކުރުމުގައި އަދި މިހާތަނަށް މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް މުވައްޒަފުން ހާމަކުރެއެވެ.

ސްވިޑެންގައި މަޝްހޫރުވެފައިވާ މި ޗިޕް ހެކް ކުރުމުގެ ފުރުސަތު ކުޑަކަމަށް މި ޗިޕް އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި ޗިޕް ހަރުކުރުމުގެ ހުރިހާ މަރުހަލާއަކަށް ޚަރަދު ވާނީ 180 އެމެރިކާ ޑޮލަރެވެ.