ޝަހީދާ އަބްދުﷲ ސައީދު
މާލޭގެ ގެއެއްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ސެކިއުރިޓީން ބައިތިއްބައިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ގެއަކުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން އިއްޔެ ހަވީރު 4:19 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ.ފެޝަންމީޑް ގެ ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމައްސަލައިގައި އެގެއިން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ މީހުންނާއި 19 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއް ކަމަށާއި މި ފަސް މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އަދި އެގެ ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 11 ރަބަރު ޕަކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މ.ފެޝަންމީޑް ގެއަކީވެސް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އޭގެ ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ގެއެއް ކަމަށެވެ.
އަދި މިގެއަކީ އެހެން ގެތަކާ ހިލާފަށް ފުލުހުންނަށް ނުވަދެވޭގޮތަށް ދަގަނޑު ދޮރު ހަރުކޮށް، ދޮރު ކައިރީ ސެކިއުރިޓީއަށް މީހަކު ބަހައްޓައިގެން ސެކިއުރިޓީ ބަލަހައްޓަމުންދާ ގެއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެގޭތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ތަފާތު ލިޔުންތައް ލިޔެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.