ޝަހީދާ އަބްދުﷲ ސައީދު
ހުޅުމާލޭ ގެއަކުން ފުލުހުން އަތުލައިގަތް ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ތިންވަނަ ފަހަރަށް ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދޫކޮށްލީ، ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާތީ އެވެ.
އެހެންވެ އަލުން މި ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެސް ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ އެ ކޯޓަށް ގެންދިއުމުން ވަނީ އިޖުރާއީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ދެ މީހުން އަނެއްކާވެސް ދޫކޮށްލައިފައެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންނަކީ ޕީޖީ އޮފީހުގެ ވަކީލެއްގެ މަންމައާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން މުއްދަތު ޖަހަން ގެންދިއުމުން ފުރަތަމަ އެމީހުން ވަނީ ކޯޓުން ދޫކޮށްލާފައެވެ. އޭރު ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ.
ކޯޓު އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު އިންނަންވާނެ ކަމަށް އެ މާއްދާގައި ބުނެއެވެ. ނަމަވެސް އެ ކޯޓު އަމުރުގައި ސޮއި އިނީ ހަމައެކަނި ފަހު ގަނޑުގައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި 25 އަހަރުގެ ދިވެހި ފިރިހެން މީހާއާއި 52 އަހަރުގެ ދިވެހި އަންހެން މީހާ ކޯޓުން ދޫކޮށްލުމުން ފުލުހުން ހުޅުމާލޭ ކޯޓު އަމުރަކާއެކު އެމީހުން އަލުން ހައްޔަރުކޮށްފައިވަނީ އިއްޔެރޭ 3:17 ހާއިރެވެ. މިދިޔަ ހޯމަ ދުވަހުވެސް އެމީހުން ހައްޔަރުކުރީ ހުޅުމާލޭ ކޯޓު އަމުރެއްގެ ދަށުންނެވެ.