ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެއްޖެ ނަމަ، މަޖިލީހުގެ ދާއިރާތައް އިތުރުވަމުންދާ ދިއުން ހުއްޓުމަކަށް ގެނައުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާންކޮށްފައިވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވައުދުވެވަޑައިގެންފިއެވެ.
މަޖިލީހުގެ ދާއިރާތައް އިތުރުވަމުންދާ ދިއުން ހުއްޓުމަކަށް ގެނައުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އަދުރޭ ވައުދުވެވަޑައިގެންފައިވަނީ އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
އަދުރޭ ވިދާޅުވީ އޭނާއަށް މަޖިލީހުގެ ރައީސްކަން ލިބިއްޖެ ނަމަ، ކޮންމެ ފަސް އަހަރަކުން މަޖިލީހަށް ގޮނޑި އިތުރުވަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑަށް މަޖިލީހުގެ ރައީސްކަން ލިބިއްޖެ ނަމަ، ކޮންމެ ފަސް އަހަރަކުން ފަސް އަހަރަކުން މަޖިލީހަށް ގޮނޑި އިތުރުވަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް މަސައްކަތްކޮށްދޭނަން،" އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާންކޮށްފައިވާ އަދުރޭ ފުރަތަމަ ވައުދުވެވަޑައިގެންފައިވަނީ އެ މަގާމަށް ހޮވިއްޖެ ނަމަ، މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑުކުރުމަށް ހުށަހެޅުމަށެވެ.
މިހާރު މަޖިލީހުގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން ދުރުކުރުމުގެ މައްސަލަ އިއްޔެ މަޖިލީހަށް ހުށަހަޅާފައިވާ އިރު، އިދިކޮޅު ޕާޓީތަކުގެ ފަރާތުން މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގެންނަން ނިންމާފައިވަނީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެމްބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ.