ކްރިމިނަލް ކޯޓް

އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަމީން ފައިސަލްގެ މައްޗަށް އުފުލާފައިވާ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30އަށެވެ.

އަމީން ފައިސަލްގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލައިގައެވެ.

ދެހާސް ދިހަވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ޔާމީނަށް ހިމާޔަތް ދޭނެ ކަމަށް ބުނެ، އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕީޖީ އޮފީހުން އަމީން ފައިސަލްގެ މައްޗަށް ކުރި ދައުވާގައިވެއެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ޖުލައި 23 ވަނަ ދުވަހާ ހަމައަށް ޔާމީނު އާރަށުގައި ހައްޔަރުކޮށްފައި ބަހައްޓާފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

އެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ އެ ދައުވާ އަނބުރާ ފޮނުވާލައި، އެ މައްސަލައާ ގުޅިގެން ނެރުނު ހައްޔަރު އަމުރު ބާތިލްކޮށްފައެވެ.

އެ ދައުވާ އަނބުރާ ފޮނުވާލި ނަމަވެސް، ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން 2015 ވަނަ އަހަރު ވަނީ ހުކުމްކޮށްފައެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމައިފައެވެ.