އިންޑިއާ

އިންޑިއާ ސަރުކާރުގެ އިސް ބޭފުޅަކު މަޝްވަރާތަކަކަށް ރާއްޖެ ވަޑައިގެންފި

އިންޑިއާ ސަރުކާރުގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީ އަހްމަދު ހަލީލާ ބައްދަލުކުރައްވައިފިއެވެ.

އެ މަޝްވަރާތަކަށް ރާއްޖެ ވަޑައިގަންނަވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ކަނޑައަޅާފައިވާ ޖޮއިންޓް ސެކްރެޓަރީ ޑިނޭޝް ޕަނައިކްއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި އަހްމަދު ހަލީލާއި ޑިނޭޝް ޕަނައިކްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި އަހްމަދު ހަލީލާއި ޑިނޭޝް ޕަނައިކް މަޝްވަރާ ކޮށްފައިވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމާއި، އެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ ބައްދަލުވުމުގެ އިތުރުން ޗެއާމަން އޮފް ޓްރާންސިޝަން އަބްދުﷲ ޝާހިދާއި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހްމަދު ލަތީފާ ވެސް ޑިނޭޝް ޕަނައިކް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގުޅުއްވައި، ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާކަން ފާހަގަކުރައްވައި އެ ގުޅުން ވަރުގަދަ ކުރުމަށް އެދިވަޑައިގެންނެވިއެވެ. ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އިބޫ ވެސް ވަނީ ވައުދުވެވަޑައިގެންފައެވެ.