19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިތުރު ފަސް ކޮމިޓީ އުފައްދައި، މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު 17އަށް އިތުރުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
ކުރިން މަޖިލިހުގައި އޮތީ 13 ކޮމެޓީއެކެވެ. އެއީ މަޖިލީހުގެ ގަވައިދުގައި ކުރިން އޮތްގޮތާ އެއްގޮތަށެވެ. އެގޮތުން އިއްޔެ މަޖިލިސް ގަވައިދު އިސްލާހު ކުރަން އެކުލަވާލި ވަގުތީ ކޮމެޓީން ވަނީ ކޮމެޓީގެ އަދަދު އިތުރުކުރަން ގަވައިދަށް ބަދަލުގެންނަން ފާސްކޮށްފައެވެ. މަޖިލީހުގައި 17 ކޮމެޓީ އޮންނަ ގޮތަށް ގަވައިދު ފާސްކޮށްފައިވަނީ 77 މެންބަރުންގެ ވޯޓާއެކުއެވެ.
އެގޮތުން މަޖިލީހުގައި އަލަށް އުފައްދަން ނިންމި ކޮމެޓީތަކަކީ، ޖުޑިޝަރީ ކޮމިޓީ އާއި، ލާމަރުކަޒީ ކޮމިޓީއާއި، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާއި، ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީއެވެ.
މީގެ އިތުރުން، މަޖިލިހުންވަނީ، ބައެއް ކޮމެޓީތައް އެއްކޮށްލައި އަނެއްބައި ކޮމެޓީތަކުގެ ނަންތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން ގައުމީ ސަލާމަތުގެ ކޮމެޓީގެ ނަން ދާހިލީ އަދި ގައުމީ ސަލާމަތުގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. އަދި، އިމްތިޔާޒް ކޮމެޓީ އާއި ސުލޫކު ކޮމެޓީ އެއްކޮށްލައި އެ ކޮމެޓީއަށް ކިޔާނީ އިމްތިޔާޒާއި ސުލޫކު ކޮމެޓީ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ގައުމީ ތަރައްގީ ކޮމެޓީގެ ނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.