ޕީޕީއެމް

ޕީޕީއެމްގެ މުޒާހަރާތައް މެދުކަނޑާލަން ނިންމައިފި

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާއަށް ފަހު، ޕީޕީއެމްއިން ބާއްވަމުންދާ މުޒާހަރާތައް މެދުކަނޑާލަން އެ ޕާޓީން ނިންމައިފިއެވެ.

ޕީޕީއެމްއިން ބުނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހު ކޮންމެ ރެއަކު ބާއްވަމުންގެންދާ މުޒާހަރާތައް އަލުން ފަށާނެ ކަމަށެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައިވާ އިރު، އެ މަގާމަށް ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާދަކުރައްވަން ވަނީ ނިންމަވައިފައެވެ.

އަދުރޭގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން މަޖިލިސް ރައީސްކަމަށް ވާދަކުރައްވަން ނިންމަވާފައިވަނީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.

މަޖިލިސް ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގަރާރެއް ހުށަހަޅައި، އަބުރުގެ ގާނޫނު ބާތިލްކުރުމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އެޖެންޑާކުރަން ނިންމައި މެމްބަރުންނަށް މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ. އޭގެ ކުރިން އަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ވަނީ ނިންމައިފައެވެ.