އައިލެންޑް އޭވިއޭޝަން

ވެރިންގެ މުސާރަ ބޮޑެއް ނުކުރަން، ހަގީގަތާ ހިލާފް މައުލޫމާތު ހާމަކުރާތީ ކަންބޮޑުވަން: އައިލެންޑް އޭވިއޭޝަން

ޝަހީދާ އަބްދުﷲ ސައީދު

އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރަ ބޮޑުކޮށްފައިވާކަމަށް ބުނެ މީސް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ކަމަށާއި އެފަދަ މައުލޫމާތުތައް ފަތުރަމުންދާތީ ކަންބޮޑުވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިހެން ބުނެފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް ބޮޑު މުސާރަ ލިބޭ ގޮތައް މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސްފައިވާކަމަށް ބުނެ، މުސާރައިގެ ގޮތުގައި އަށްޑިހަ ހާހަށްވުރެ ބޮޑު އަދަދެއް ލިބޭކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ އެކުންފުނީގެ އިސްވެރިންގެ މުސާރަ ބޮޑުކޮށްފައި ނުވާކަމަށާއި ހަގީގަތާ ހިލާފު މައުލޫމާތުތައް ހާމަކުރާތީ ކަންބޮޑުވާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަން، މެނޭޖިން ޑިރެކްޓަރު އަދި ބޯޑު ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމުގެ ގޮތުން އެމަގާމުތަކަށް މުސާރައާއި އިނާޔަތް ކަނޑައަޅަނީ ސަރުކާރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ސަރުކާރުގެ ހުއްދަނެތި ކުންފުނިތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ވަނީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަކީ ޑިރެކްޓަރުންގެ ބޯޑުން އައްޔަން ކުރާ މަގާމެއް ކަމަށާއި އެމަގާމަށާއި އަދި ކުންފުނީގެ އެހެން މަގާމުތަކަށް އިނާޔަތް ކަނޑައަޅަނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރާ އޮނިގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކަކީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ގެނެވޭ ބަދަލުތަކެއް ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަދި އެކުންފުނީގެ ވެރިންނަށް ލިބޭ މުސާރައާއި އިނާޔަތް ކަމަށްބުނެ ބޮޑު އަދަދެއް ޖަހައިގެން މީސް މީޑިއާގައި ދައްކަމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެފަދަ ވާހަކަ ނުފެތުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް ބޮޑު މުސާރަ ލިބޭ ގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސްފައިވާކަމަށް ބުނެ، ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީންވެސް ވަނީ ދޮގުކޮށްފައެވެ.