ސުޕްރީމް ކޯޓް

ހައްގުނޫން ފައިސާއެއް އަޅުގަނޑުގެ އެކައުންޓެއްގައި ނުހުންނާނެ: ފަނޑިޔާރު އަބްދުﷲ ދީދީ

އަލީ އިހްސާން

ހައްގުނޫން ފައިސާއެއް ގުޅުން ހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މިހެން ވިދާޅުވީ، އެމަނިކުފާނު 1 މިލިއަން ޑޮލަރު ނެންގެވި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިި މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ކޮންމެ އިންސާނެއްގެ ރީތި ނަމާއި އަބުރު ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އަނެކުންގެ އަސާސީ ހައްގުތަކަށް އިހުތިރާމްކުރުމަކީ އެންމެންގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެއްކަމަށާއި، ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނީ ތޯތޯ ވާހަކަތަކަށް ބަރޯސާ ވުމުގެ ބަދަލުގައި އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެގެންކަމަށެވެ. އެހެންކަމުން 2 ޖޫން 2019 ވަނަ ދުވަހު އޭނާގެ އަބުރު ކަތިލައި ނޫސްތަކުގައި ލިޔެފައިވާ ލިޔުމަކީ ކަމުގެ ދެކޮޅު ނުބަލައި ކޮށްފައިވާ ވަރަށް ޣައިރު ޒިއްމާދާރު އަމަލެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާކުރުންފަދަ މުއާމަލާތްތަކަކީ އެކަމުގެ ފުރިހަމަ މައުލޫމާތު ބޭންކްތަކުން ބަލަހައްޓާ ކަންކަން ކަމަށްވެފައި، ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެ މައުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ލިބޭނެ މައުލޫމާތުތަކެއް ކަމަށެވެ. އަދި ކޮންމެ ފަރުދެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ޖަވާބުދާރީވުމުގެ ފުރުސަތަކީވެސް ގާނޫނުން ލިބިދޭ ހައްގެއް ކަމަށާއި، އަބުރުކިލަނބުކޮށްލުމަށް ކޮށްފައިވާ ކަމަކީ، އިންސާނީ ހައްގުތަކުތަކުގެ އުސޫލުތަކާ ނުބައްދަލު ވަރަށް ހުތުރުކަން ބޮޑު އަމަލެއްކަކަމަށް ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ނޫސްތަކުގައި ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތައް ދޮގުކޮށް، ހައްގުނޫން ފައިސާއެއް އޭނާއާ ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.