ޝަހީދާ އަބްދުﷲ ސައީދު
ހައްދުންމަތީ ފޮނަދޫ ވަލުތެރޭގައި ކުށްތަކަށް އަރައިގަތުމަށް ބަޔަކު ބޭނުންކުރަމުންދިޔަ ގެއެއް ނަގައިފިއެވެ.
މިގެ ނަގާފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކު އެރަށު ކައުންސިލުންނެވެ.
ފުލުހުން މިއަދު ބުނީ ފޮނަދޫ ކުރިގަމު އަވަށު ވަލުތެރޭގައި ހަދާފައި ހުރި އެގޭގައި ހަށިވިއްކުމާއި ރޯދަ މަހު ދުވާލު ކެއުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ، ކުށްތަކަށް އަރައިގަތުމަށް ބޭނުންކުރަމުންދާ ގެއެއް ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އަދި މިގޭގައި ކުށްތަކަށް އަރައިގަންނަކަމުގެ މައުލޫމާތު ރަށު ކައުންސިލާ ވެސް ހިއްސާކޮށްފައިވާ ކަމަށާއި މިގެ އަޅާފައިވަނީ ކުރިގަމު އަވަށުގެ ވަލުތެރޭގައި ކައުންސިލުގެ އެއްވެސް ހުއްދައެއް ނެތިކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ފޮނަދޫ ކުރިގަމު އަވަށުގެ ބަންޑާރަ ބިމެއްގައި ހުރި ގެއެއް ނަގަންވެގެން ކައުންސިލުން އެދުމުން، މިމަހުގެ އެއްވަނަ ދުވަހު ކައުންސިލުން އެގެ ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތު ފުލުހުން އެސަރަހައްދުގައި ސެކިއުރިޓީ ބަލަހައްޓައިދީފައިވާ ކަމަށެވެ.