ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖުޑީޝަރީ އިސްލާހުކުރާށޭ ކިޔައިގެން އުޅެނީ އަނެއްކާވެސް ބާރުތަކެއް ދަމައިގަންނަން: ޖާބިރު

ޖުޑީޝަރީ އިސްލާހުކުރާށޭ ކިޔައިގެން އުޅެނީ އަނެއްކާވެސް ބާރުތަކެއް ދަމައިގަންނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ފުމެން ތައްޔާރު" ޕްރޮގްރާމުގައި އިއްޔެ ވާހަކަދައްކަވަމުން ޖާބިރު އެހެން ވިދާޅުވެފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށް އަދި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި ކެމްޕޭނުގެ ތެރޭގައި ވެސް އެންމެ ބޮޑަށް ދެކެވުނީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ވާހަކައެވެ.

"މި ރާއްޖޭގެ ޖުޑިޝަރީ ރަނގަޅު ކުރާށޭ ކިޔައިގެން އަނެއްކާވެސް ބާރުތަކެއް ދަމައިގަންނަން އެ އުޅެނީ. އެކަން ހުއްޓުވާލަން އެބަޖެހޭ މިހާރުން މިހާރަށް. ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން މިފަހަރު އެކަން ހުއްޓުވާނަން،" ޖާބިރު ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން ޖާބިރު ވަނީ އެކަމާ ފާޑުވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ ޖުޑިޝަރީ މިނިވަން ނުވެގެން އުޅެނީ އެފަދަ ކަންކަމާ ހެދި ކަމަށެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދަކީ ވަރަށް އިހުލާސްތެރި ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމަނިކުފާނު އިންނަވައިގެން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރަކަށްވެސް އިންނަވައިގެން އެ ކޮމިއުނިކޭޝަން އެގޮތަށް ހިނގީމަ އަޅުގަނޑުމެންގެ ތެރޭގައި ޖުޑިޝަރީ އިންޑިޕެންޑެންޓް ނުވެގެން މިއުޅެނީ،" އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިހާރު ފަނޑިޔާރުން ވަކިކުރާ ހިސާބަށް ދިޔައީ ކަމަށާއި ފުރަތަމަ ހުށަހަޅަންވީ ކަންކަން އިސްލާހުކުރުމަށްޓަކައި ހުރި ޕްރޮގްރާމުތައް ކަމަށެވެ. އަދި ސުލޫކީ މިންގަނޑު ބަލަންޖެހެނީ ހަމައެކަނި އަބްދުﷲ ދީދީގެ ނޫން ކަމަށާއި ހުރިހާ އެންމެންގެ ވެސް ސުލޫކީ މިންގަނޑު ބަލަންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު އިއްޔެ ޖޭއެސްސީއަށް ހުށަހަޅުއްވާފައިވަނީ އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެއްވުމަށް 2015 ވަނަ އަހަރު ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އަބްދުﷲ ދީދީއަކީ ރައީސް ނަޝީދު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.