އަކްޝޭ ކުމާރު އަދި އަރްޝަދް ވާރްސީގެ ފިލްމު “ޖޮލީ އެލްއެލްބީ 3” މި އަހަރު ސެޕްޓެމްބަރުގައި ސިނަމާތަކުގައި އަޅުވަން ނިންމައިފިއެވެ.
ކޭޕް އޮފް ގުޑް ފިލްމްސް އަދި ވޯލްޓް ޑިޒްނީ ސްޓޫޑިއޯސް މޯޝަން ޕިކްޗާސް ގުޅިގެން އުފައްދާ "ޖޮލީ އެލްއެލްބީ" ގެ ކުރީގެ ދެ ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ކޮމެޑީ-ޑްރާމާ ފިލްމުގެ ތިންވަނަ ފިލްމުވެސް ޑައިރެކްޓް ކުރަނީ ކުރީގެ ދެ ފިލްމުވެސް ޑައިރެކްޓް ކޮށްފައިވާ ސުބާޝް ކަޕޫރެވެ. އޭނާ ވަނީ ތިންވަނަ ފިލްމަކީވެސް މަޖާ ފިލްމަކަށް ވާނެކަމުގެ ޔަގީންކަން ދީފައެވެ.
މި ފިލްމުގައި އަކްޝޭ ކުމާރު އެޑްވޮކޭޓް ޖަގްދީޝްވަރް (ޖޮލީ) މިޝްރާގެ ރޯލުގައި އަދި އަރްޝަދް ވާރްސީ އެޑްވޮކޭޓް ޖަގްދީޝް (ޖޮލީ) ތިޔާގީގެ ރޯލުގައި އަނބުރާ އަންނައިރު، އަމްރިތާ ރާއޯ، ހުމާ ޤުރެޝީ، ސައުރަބް ޝުކްލާ އަދި އަންނޫ ކަޕޫރު ވެސް ފެނިގެންދާނެއެވެ. ހާއްސަކޮށް މި ފިލްމަކީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އަމްރިތާ ރާއޯ ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފިލްމެވެ.
"ޖޮލީ އެލްއެލްބީ 3" އަޅުވާ ތާރީހު ބަދަލުކޮށްފައި މިވަނީ އޭޕްރީލް މަހު "ކޭސަރީ ޗެޕްޓަރު 2" އަށް ޖާގަ ދިނުމަށްޓަކައެވެ.