މުނިފޫހިފިލުވުން

ވިކީގެ ޗާވާ އޮންލައިންގައި ލީކް ކޮށްލުމާ ގުޅިގެން ފުލުހުން މައްސަލަ ބަލަނީ

ވިކީ ކައުޝަލް ސްޓާ ކުރާ 'ޗާވާ' ފިލްމުގެ ޕައިރެސީއާ ގުޅިގެން "އެފްއައިއާރް"އެއް ރަޖިސްޓަރީކޮށްފިއެވެ. މައްސަލަ ހުށަހެޅި ފަރާތުން މި ޕީރިއަޑް ޑްރާމާ އެއްވެސް ހުއްދައެއް ނެތި ބެހިފައިވާ '1,818 އިންޓަނެޓް ލިންކް' ފާހަގަކޮށްފައިވާ ކަމަށް މުންބާއީ ފުލުހުން ބުނެއެވެ.

އެ މައްސަލަ ހުށަހެޅީ މެޑޮކް ފިލްމްސްއިން އައްޔަންކޮށްފައިވާ އެންޓި-ޕައިރެސީ އޭޖެންސީ އޯގަސްޓް އެންޓާޓެއިންމަންޓްގެ ސީއީއޯ ރަޖަތް ރާހުލް ހަކްސާ އެވެ. ސައުތު ސައިބާ ޕޮލިސް ސްޓޭޝަނުގައި ސީއާރު ނަންބަރު 23/2025 ގެ ދަށުން ހުށަހެޅިފައިވާ އެ މައްސަލައިގައި ބަރަތީޔަ ނިޔާޔަ ސަންހިތާ (ބީއެންއެސް)، ކޮޕީރައިޓް ގާނޫނު، ސިނެމަޓޮގްރަފް ގާނޫނު އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނުގެ ގިނަ މާއްދާތަކުގެ ދަށުން ކުށްތައް ހިމެނެއެވެ.

ލަކްޝްމަން އުޓެކާ ޑައިރެކްޓްކޮށް، ވިކީ ކައުޝަލް، ރަޝްމިކާ މަންދަންނާ އަދި އަކްޝޭ ކަންނާ ސްޓާ ކުރާ 'ޗާވާ' ފިލްމު، ބޮކްސް އޮފީހުގައި ދަނީ ވަރަށް ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ. ޗަތުރަޕަތި ސަމްބާޖީ މަހާރާޖްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމު 500 ކްރޯޑު ރުޕީސްގެ އާމްދަނީ ހޯދައި، 'އުރީ: ދަ ސާޖިކަލް ސްޓްރައިކް' އަދި 'ރާޒީ' ފަދަ ހިޓް ފިލްމުތައް ފަހަނައަޅައި، ވިކީ ކައުޝަލްގެ އެންމެ މަތީ އާމްދަނީ ހޯދި ފިލްމަށް ވަނީ ވެފައެވެ.

މީގެ އިތުރުން، 98 ވަނަ އަޚިލް ބަރަތީޔަ މަރާތީ ސާހިތިޔަ ސަމްމެލަންގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ނަރެންދްރަ މޯދީ، މި ފިލްމުގެ ކާމިޔާބީ ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރު މޯދީ ސިނެމާގެ ދާއިރާއަށް މަހާރާޝްޓްރާއިން ކޮށްފައިވާ ހިދުމަތް ފާހަގަކުރައްވައި، ސަމްބާޖީ މަހާރާޖްގެ ތަރިކަ އަލިކޮށްދިނުމުގައި ޝިވާޖީ ސަވަންތުގެ ނޮވެލް 'ޗާވާ' އަދާކޮށްފައިވާ ދައުރު ފާހަގަކުރެއްވިއެވެ. ވިކީ ކައުޝަލް އަދި ރަޝްމިކާ މަންދަންނާ ވެސް މި ފާހަގަކުރެއްވުމަށް ޝުކުރުވެރުވެރިކަން ފާޅުކުރިއެވެ.