ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް) ތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަކީ އެންމެ މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކުރާ ތަންތަނަށް ވާން ޖެހޭގޮތަށް ބޯޑު އޮފް އިންވެސްޓުމެންޓުން ނިންމައި ގެޒެޓުކޮށްފިއެވެ.
ބޯޑް އޮފް އިންވެސްޓުމެންޓުން އިއްޔެ ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނު ފްރޭމްވޯކުގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕްތަކުގައި ހުންނަން ޖެހޭނެ ޝަރުތުތައް ބަޔާންކޮށް ގެޒެޓުކޮށްފައެވެ.
އެ ޝަރުތުތަކުގައިވާ ގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދި އެއީ އެންމެ މަތީ ފަންތީގެ މީހުން ރާއްޖޭގައި ދިރިއުޅެން ކަމުދާނެ ގޮތަކަށް ތަރައްގީ ކުރާ ތަންތަނަށް ވާން ޖެހޭނެ ކަމަށް ވެސް ވަނީ ޝަރުތުކޮށްފައެވެ.
ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑް އެއްގައި 500 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތައް ހިންގިދާނެ ކަމަށް ކަނޑައަޅައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން ކޮންމެ އަހަރެއްގައި ވެސް އެ އަހަރެއްގައި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ މިންވަރު ކަނޑައަޅައި އިއުލާން ކުރަންޖެހެއެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ވަނީ އެސްއީޒެޑެއްގައި ހިންގިދާނެ އިގުތިސޯދީ މަސައްކަތްތަކާއި އެއިން ޒޯނެއްގައި ހިމެނޭ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅުއްވައި ގަރާރެއް ނެރުއްވައިފައެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުގައި އެސްއީޒެޑްގައި ގާއިމުކުރެވޭނީ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ތެރެއިން އިންވެސްޓްމަންޓެއް ހިމެނޭ ގޮތުން ގާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓެވެ. އެއީ މިދިޔަ އަހަރުވެސް ކަނޑައެޅި އަދަދެވެ.
ގަރާރުގައި ބުނެފައިވާ ގޮތުން ޖުމުލަ 500 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި މިނިމަމް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިއަން ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށެވެ.