ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހޭދަ ކުރެއްވި މުއްދަތުގައި އޭނާއާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހަވާލު ކުރެއްވީ އެންމެ ކަމެއް ކަމަށާއި އެއީ މަޖިލީހުގެ ރިޔާސަތުގެ މޭޒާ ދިމާގައި ފެންސް ޖެހުން ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާ ގުޅޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވުމަށް މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މޫސަ ވިދާޅުވީ ހަވާލު ކުރެއްވީ ފެންސް ޖެހުން އެކަނި ކަމަށް ވިޔަސް އެކަން ވަރަށް ފުރިހަމައަށް ކުރައްވައި ނިންމެވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގަ ގަވައިދު އޮންނަ ގޮތުން މަޖިލީހުގެ ނައިބު ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް އަންގަވާ މަސައްކަތް ތަކެވެ.
މޫސަ ވިދާޅުވީ މަޖިލީހުގައި 15 ވަރަކަށް އަހަރު ހޭދަކުރެއްވި އިރު މިހާ ކަންކަން ދެރަވަރުކޮށް ހުރި ދުވަސްވަރެއް ދެކެވަޑައިގެންފައި ނުވާ ކަމަށެވެ.
"މަޖިލިސް މިހާރު މި އޮތީ ވަރަށް ހާލުގައި. މެންބަރުން އެވާހަކަތައް އަޅުގަނޑާ ވެސް ދައްކާ. އެކަމަކު މަޖިލީހުގެ ރައީސެއް ހުންނަވާ އިރު އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޯންނާނެ. މިކަންކަމާ އަޅުގަނޑު ވެސް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ވަރަށް ހިތްދަތިވޭ." މޫސަ ވިދާޅުވި އެވެ.
މޫސަ މިމޭރުމުން ވާހަކަދައްކަވައިފައި ވާއިރު، އޭނަގެ ރިޔާސަތުގެ ދަށުން މަޖިލީހުގެ ޖަލްސާތައް ފަށަން މަސީހު ވަނީ ހުއްދަ ދެއްވައިފަ އެވެ. އަދި އަންނަ ހަފުތާގެ އާދީއްތަ ދުވަހު ޖަލްސާތައް ފަށާނެ ކަމަށް މޫސަ މިއަދު ވަނީ ވިދާޅުވެފަ އެވެ.