ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތައް އަނބުރާ ފޮނުވާލީ މިހާރު އެ ދައުވާތައް ހުރި ގޮތަށް ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކުރިމިނަލް ކޯޓުން އެގޮތަށް ނިންމީ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
އަދީބުގެ ގާނޫނީ ވަކީލު އިސްމާއީލް މުހައްމަދު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމިކަން ހާމަކޮށްފައިވަނީ އަދީބުގެ ބަންދުގެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.
އިސްމާއީލް ވިދާޅުވީ އެމައްސަލަތައް އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރުމުން އެމައްސަލަތައް ޕީޖީއަށް ފޮނުވައިލީ މިހާރު ހިންގާފައިވާ ތަހުގީގުގެ މައްޗަށް ރިއާޔަތްކޮށް ދައުވާތައް އަލުން ކުރިއަށް ގެންދެވެން ނެތުމުން ކަމަށެވެ.
އެހެންވެ، އެ މައްސަލަތަކުގައި ސައްހަ އިޖްރާއާތުތަކުގެ ތެރެއިން ތަހުގީގު ކުރުމެއް ނެތި އެ މައްސަލަތައް އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތަށް ގަބޫލު ކުރެވޭތީ އެ މައްސަލަތައް އަނބުރާ ފޮނުވާލަން ނިންމީ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޖަލްސާގައި އަދީބުގެ 15 މައްސަލައެއް އަނބުރާ ފޮނުވާލުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހައިކޯޓުން އަލުން ބަލަން އެންގި ފިނިފެންމާ ލޯންޗުކޮޅު މައްސަލައާއި ޅ. މާބިންހުރާ މައްސަލަ ހިމެނެއެވެ.
އެ ދެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވާފައި އޮތް 23 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް، އެމައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް ވަނީ އަންގާފައެވެ.
ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުން މިއަދު އެ ކޯޓުން އާންމުކޮށްފައިވާއިރު އެ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގުތައް ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ހައިކޯޓުން ވާސިލްވެފައިވާއިރު، އެއީ ކުރިމިނަލް ކޯޓުން ތަބާވާން ޖެހޭނެ ކަނޑައެޅުމެއް ކަމަށެވެ. އެހެންވެ، ބާތިލް ތަހުގީގުގެ މައްޗަށް ބިނާކޮށް، އަލުން އެ މައްސަލަ ބެލުން ގާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.