ރީކޯ މޫސާ މަނިކް

މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަނީ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމިޓީތަކަށް މެމްބަރުން އެކުލެވިގެންވާ ގޮތް ރިވިއުކޮށް އެ ކޮމިޓީތަކަށް މެމްބަރުން ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ އާދިއްތަ ދުވަހު މަޖިލީސް ޖަލްސާތައް ފަށަން ތައްޔާރުވާއިރު ކޮމިޓީތަކަށް މެމްބަރުން ރިވިއުކުުރުމަށް އެދިވަޑައިގެން ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުއްވާނެ ކަމަށެވެ.

މޫސާ ވިދާޅުވީ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް މިހާރުވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެ ވާހަކައަކީ ވަރަށް ކުރިން ފެށިގެން މަޖިލީހުގެ މެމްބަރުންގެ މެދުގައި ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު މައްސަލައާ ގުޅިގެން ކޮމިޓީތަކަށް މެމްބަރުން ވަނީ މަދުވެފައި ކަމަށް މޫސާ ވަނީ ފާހަގަކުރައްވާފައެވެ.

"އެ ކޮމިޓީތަކަށް މެމްބަރުންނެއް ނާދޭ. އެހެންވީމަ އެ ދާއިރާތައް ތަމްސީލު ކުރެވޭނެ ގޮތެއް ކޮމިޓީތަކުގައިވެސް ނެތިފައި މިތިބީ،" އޭނާ ވިދާޅުވިއެވެ.

ގޮނޑި ގެއްލުނު ކަމަށް ނިންމި މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމުމާ ގުޅިގެން އެ ބޭފުޅުންނަށް ލިބެން ޖެހޭ އިނާޔަތް ވެސް ލިބޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެއްކޮޅުން މެމްބަރުން ނިކުމެގެން ދަނީ. އަނެއްކޮޅުން މެމްބަރުން ނިކުމެގެން އަންނަނީ. އެހެންވެ އަންނަ ބޭފުޅުންނަށް އޮންނަ އިނާޔަތާއި އެބޭފުޅުންނަށް ދޭންޖެހޭ ކަންކަން ދިނުމުގައި މަޖިލީހުގެ ރިޔާސަތުން ކުރަން ޖެހޭ ކަންތައް ކުރަން އެބަ ޖެހޭ،" މޫސާ ވިދާޅުވިއެވެ.