މުނިފޫހިފިލުވުން

ހިންދީ ރޮބިންހުޑް ފިލްމުގައި އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިޔާ ޑޭވިޑް ވޯނާ

އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިޔާ ޑޭވިޑް ވޯނާ ވަނީ 'ރޮބިންހުޑް' އާއެކު އިންޑިއާގެ ސިނަމާގައި ފުރަތަމަ ފަހަރަށް ބައިވެރިވުމަށް ތައްޔާރުވެފައެވެ. މިމަހު 28 ގައި މި ފިލްމު ރިލީޒްކުރުމުގެ ކުރީން، ފިލްމު ހަދާ ފަރާތްތަކުން ވަނީ އޭނާގެ ފެންނާނެ ގޮތް އާންމުކޮށްފައެވެ.

"ވަރަށް ގިނަ ބަޔަކު ލޯބިވާ @davidwarner31 އިންޑިއާގެ ސިނަމާއަށް #ރޮބިންހުޑް ގައި ފޯރިގަދަ ކުޑަ ދައުރަކާއެކު ތައާރަފުކޮށްދެމެވެ. މާޗް 28 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރެވޭނެ." މި އިއުލާން ސޯޝަލް މީޑިއާގައި ހިއްސާކުރަމުން، ލިޔެފައިވެއެވެ.

މި އިއުލާނާއެކު، ވޯނާގެ ފިލްމުގެ ލުކް ދައްކުވައިދޭ ފޮޓޯއެއްވެސް ވެއެވެ. މި ފޮޓޯގައި ވޯނާ ފެންނަނީ އިންޑިއަން ސްޓައިލްގެ ހެދުމެއްގައި، އޭނާގެ ހާއްސަ ހިނިތުންވުމާއެކުގައެވެ. މި ފެނިލުމަށް އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބި، ގިނަ ބައެއްގެ ތައުރީފު ލިބިފައިވެއެވެ.

ރޮބިންހުޑް އަކީ ތެލިނގު އެކްޝަން ތްރިލާ ފިލްމެކެވެ. މި ފިލްމުގައި ދައްކާނީ މިޒަމާނުގެ ރޮބިން ހުޑެއްގެ ވާހަކައެވެ. ޗެލެންޖާއި ފޯރި ހޯދުމުގެ ދަތުރުގައި، އޭނާ ވަނީ ލޯބި، އެކްޝަން އަދި މަޖަލުގެ ތެރޭގައި ދަތުރުކޮށްފައެވެ.

ނިތިން އަދި ސްރީލީލާ މައިގަނޑު ރޯލުގައި ފެންނަ މި ފިލްމުގެ ޑައިރެކްޓަރަކީ ވެންކީ ކުދުމުލާ އެވެ. މީގެ އިތުރުން ޝައިން ޓޮމް ޗަކޯ، ރާޖެންދްރަ ޕްރަސާދު އަދި ވެންނެލާ ކިޝޯރް ފަދަ މަޝްހޫރު އެކްޓަރުން މި ފިލްމުގައި ފެންނާނެއެވެ. ފިލްމުގެ މިޔުޒިކް ކޮމްޕޯޒްކޮށްފައިވަނީ ޖީވީ ޕްރަކާޝް ކުމާރެވެ.

'ރޮބިންހުޑް' އަކީ ނިތިން އަދި ޑައިރެކްޓަރ ވެންކީ ކުދުމުލާ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެ ކުރިން މި ދެމީހުން އެކުގައި މަސައްކަތްކޮށްފައިވަނީ 2020 ވަނަ އަހަރު ނެރުނު 'ބީޝްމާ' ގަ އެވެ. އެ ފިލްމުގައި ރަޝްމިކާ މަންދަންނާ ސްޓާކޮށްފައިވެއެވެ. އަދި އެ ފިލްމަކީ ފާޑުކިޔުންތެރީންނާއި ވިޔަފާރީގެ ގޮތުން ވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.