ބޮލީވުޑްގެ ތިން ޚާން، ޝާހު، ސަލްމާން އަދި އާމިރު އެކުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފިއެވެ.
އެ ވާހަކަ ހިއްސާކުރީ 60 ވަނަ އުފަންދުވަހުގެ ކުރިން އާމިރު ޚާން، ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އާމިރު ބުނީ އެ ތިން މީހުން އެކަށޭނަ ރަނގަޅު ސްކްރިޕްޓަކަށް އިންތިޒާރުކުރަމުން އަންނަ ކަމަށެވެ. އެކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެސް ވާނެ ކަމަށާއި ރަނގަޅު ވާހަކައެއް ލިބިއްޖެ ނަމަ، ޔަގީނުންވެސް އެކަން ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އާމިރު އަދި ސަލްމާން 1994 ވަނަ އަހަރުގެ މަޝްހޫރު ކޮމެޑީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ" ގައި އެއްކޮށް ފެނިފައިވީ ނަމަވެސް، އާމިރު އަދި ޝާހު އެއްވެސް ފިލްމެއްގައި އެއްކޮށް މަސައްކަތްކޮށްފައެއް ނުވެއެވެ. ނަމަވެސް، ސަލްމާން އަދި ޝާހު "ކަރަން އަރްޖުން"، "ކުޗް ކުޗް ހޯތާ ހައި"، "ހަމް ތުމްހާރޭ ހައިން ސަނަމް" އަދި "ޕަތާން" ފަދަ ފިލްމުތަކުގައި އެއްކޮށް ފެނިފައިވެއެވެ.
އާމިރު އަދި ރާޖްކުމާރު ސަންތޯޝީގެ "އަންދާޒް އަޕްނާ އަޕްނާ"ގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ދެވަނަ ބައި އައުމުގެ ފުރުސަތާ ބެހޭގޮތުންވެސް އެ ބައްދަލުވުމުގައި ވާހަކަދެއްކިއެވެ.
އެގޮތުން ގިނަ ބަޔަކު 'އަންދާޒް އަޕްނާ އަޕްނާ 2' އަލުން ހެދުމަށް އެދޭކަން އެނގޭ ކަމަށާއި އެ ވާހަކަ ރާޖް ކައިރީ ދައްކާފައިވާ ކަމަށްވެސް އާމިރު ބުންޏެވެ. އަދި މިހާރު ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ފާހަގަކުރިއެވެ.